ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރަން ފަށައިފިއެވެ.
މިކަން ހާމަކުރައްވައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަޝްވަރާތައް ކުރިއަށް ގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އެފް.ޑީ.ސީގެ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކުރުމަށާއި، އަދި އެ ޓަވަރުތަކުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ… pic.twitter.com/HwbHBJN5K0
— Hamdhan Shakeel (@HamdhanShakeel) September 2, 2026
ހަމްދާން ވިދާޅުވީ، އެ ޓަވަރުތަކުގެ ހުރިހާ ޔުނިޓުތަކެއްގައިވެސް ސަލާމަތީ އިތުރު ފިޔަވަޅުތައް އެޅުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން، ޓަވަރުތަކުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ދެނެގަނެ ފާހަގަކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ސަލާމަތީ ފިޔަވަޅުތައް އެޅުމުގައި އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ޔުނިޓުތަކަށް އިސްކަންދީގެން އެ ޚިދުމަތް އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް މިހާރު އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާ ކަމަށްވެސް ހަމްދާން ފާހަގަކުރެއްވިއެވެ.
ހަމްދާން މިހެން ވިދާޅުވިއިރު، މި ފަހުން އަމާން އުދަރެސްގެ ފުލެޓެއްގެ މަތިން 16 އަހަރުގެ ކުއްޖަކު ވަނީ ވެއްޓިފައެވެ.



