ޗައިނާ ޕީޕަލްސް ޕޮލިސް ޔުނިވަރސިޓީ (ސީޕީޕީޔޫ) އިން އިންތިޒާމުކޮށްގެން އެ ގައުމުގެ ހެބެއިގައި ބާއްވާ "ސެމިނަރ އޮން ލޯ އެންފޯސްމަންޓް އެންޑް ކައުންޓަރ-ޓެރަރިޒަމް" ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ 25 އޮފިސަރުންގެ ވަފުދެއް މިއަދު ޗައިނާއަށް ފުރައިފިއެވެ.
ފުލުހުން ބުނީ 2026 ސެޕްޓެމްބަރު 4 އިން 17 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ސެމިނާރުގައި ބައިވެރިވާ ދިވެހި ފުލުހުންގެ ވަފުދުގައި އިސްކޮށް ހުންނެވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ރަޝްވާން ކަމަށާއި، މި ވަފުދުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކްގެ އޮފިސަރެއްގެ އިތުރުން ޗީފް އިންސްޕެކްޓަރ ރޭންކުގެ 5 އޮފިސަރަކާއި އިންސްޕެކްޓަރ ރޭންކުގެ 18 އޮފިސަރަކު ހިމެނޭ ކަމަށެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ސެމިނާރަކީ ޓެރަރިޒަމާ ދެކޮޅަށް ގާނޫނު ތަންފީޒުކުރުމުގައި އޮފިސަރުންގެ ގާބިލުކަން އިތުރުކުރުމާއި، ޑިޖިޓަލް ވިސްނުމާއި އައިޓީ ވަސީލަތްތައް ބޭނުންކުރުމުގެ ހުނަރު ތަރައްގީކުރުމަށް ކުރިއަށް ގެންދާ ސެމިނާރެކެވެ.
މީގެއިތުރުން، ނުރައްކާތައް ދުރާލައި ދެނެގަތުމާއި، ނުރައްކާ ވަޒަންކުރުމާއި، އަވަސް ނިންމުންތައް ނިންމުމާއި، ހާދިސާ ހިނގާ ސަރަހައްދު ކޮންޓްރޯލްކުރުމުގެ އިތުރުން ބޮޑެތި ހަފުލާތަކާއި އެއްވުންތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އަމަލީ ހުނަރުތައް މި ސެމިނާރުގައި ދަސްކޮށްދެވޭނެ ކަމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ ހަރަކާތްތައް ދެނެގަނެ، ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުކުރުމަށްވެސް އަލިއަޅުވާލެވޭނެ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި ލިޔުން ކިޔާލުމުން



