ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން 9 އަހަރުގެ އަންހެން ކުއްޖާ ނިޔާވީ ސައިކަލުން ވެއްޓުމަށްފަހު އެހެން ކާރެއްގެ ގައިގައި ޖެހި ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އެރުމުގެ ސަބަބުން ކަމަށް ތަހުގީގަށް ބެލެވޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ 2026 އޯގަސްޓް 29 ވަނަ ދުވަހުގެ ރޭ 21:04 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު، ވިނަރެސް ޓަވަރު 7 ކައިރީގައެވެ. މި ހާދިސާގައި ސައިކަލު ދުއްވަން އިން 18 އަހަރުގެ އަންހެނަކަށާއި، ފަހަތުގައި އިން 9 އަހަރުގެ ކުއްޖާއަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، އެ ކުއްޖާ ނިޔާވެފައިވަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް 2026 ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ވީޑިއޯ ފުޓޭޖާއި އެކްސިޑެންޓް ސީންގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، މަގާވީ ފަޅިން ކާރަށް އަރަން އުޅުމުގެ ތެރޭގައެވެ. އެވަގުތު އެ ކާރު އޯވަޓޭކް ކުރަން ދިޔަ ސައިކަލު އެމީހާގެ ގައިގައި ޖެހި، މަގުގެ ކަނާތްފަރާތު ލޭނަށް ސައިކަލު ވަނީ ވެއްޓިފައެވެ.
އަދި ސައިކަލު ވެއްޓުނު ވަގުތު އެ ލޭނުން ދުއްވާފައި އައި އެހެން ކާރަކަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބި، ސައިކަލުން ވެއްޓުނު 9 އަހަރުގެ ކުއްޖާގެ ގައިގައި ޖެހިފައިވާކަމަށް ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާކަމަށް ތަހުގީގަށް ބެލެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ޓޯވ ކޮށް، އެ އުޅަނދުތައް ދުއްވި ތިން މީހުންގެ ލައިސަންސް ވެސް ހިފަހައްޓާފައެވެ. މީގެއިތުރުން، މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރު އެ އުޅަނދު ދުއްވާފައިވަނީ އޭނާގެ ލައިސަންސް ކުރިންވެސް ހިފަހައްޓާފައި ވަނިކޮށް ކަމަށްވާތީ، ފުލުހުން ވަނީ އޭނާ ޖޫރިމަނާކޮށް ގާނޫނީ ފިޔަވަޅު އަޅާފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން



