ރާއްޖޭގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްތައް ހިންގަމުންދިޔަ ހަ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖޭގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް، ހުއްދަނެތި ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތައް ހޯދައި ދެނެގަނެ ފިޔަވަޅު އެޅުމަށްޓަކައި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތައް ގުޅިގެން އެކުލަވާލާފައިވާ ޚާއްޞަ ޓާސްކްފޯސްއިން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނަކީ ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ.
ހައްޔަރުކުރެވުނު 6 ބިދޭސީން މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ޑިޓެއިންކޮށްފައެވެ. ފުލުހުން ފާހަގަކުރި ގޮތުގައި މި މީހުންނަކީ ރާއްޖޭގައި މަސައްކަތްކުރުމަށް ދޫކޮށްފައިވާ ހުއްދައިގެ ދާއިރާއިން ބޭރުން، ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އައި ބައެކެވެ.
މި މައްސަލައިގެ ތަޙުޤީޤަށް މިހާތަނަށް އެއްކުރެވިފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި، ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި މި މީހުންގެ ބޭންކު އެކައުންޓްތައް މެދުވެރިކޮށް ބޮޑެތި އަދަދުތަކުން ފައިސާގެ މުއާމަލާތްތައް ވަނީ ހިންގާފައެވެ. އެގޮތުން ޖުމްލަ 54،429،550.00 (ފަންސާސް ހަތަރު މިލިޔަން ހަތަރުލައްކަ ނަވާވީސްހާސް ފައްސަތޭކަ ފަންސާސް) ދިވެހި ރުފިޔާ އަދި 1،627،810 (އެއްމިލިއަން ހަސަތޭކަ ހަތާވީސްހާސް އަށްސަތޭކަ ދިހަ) ޔޫއެސް ޑޮލަރު މި މީހުންގެ އެކައުންޓުތަކުގައި ދައުރުކޮށްފައިވާކަން ވަނީ ހާމަވެފައެވެ.
މީގެއިތުރުން، މި މައްސަލަތައް ބެލުމަށް ޓާސްކްފޯސްއިން އެއްކުރި މައުލޫމާތުތައް ދިރާސާކުރިއިރު، ބައެއް އަމިއްލަ ދިވެހި ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކާއި، ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް، ބިދޭސީން އިސްވެ ހިންގާ މިފަދަ ޣައިރުޤާނޫނީ ޢަމަލުތަކުން ހޯދާ ފައިސާ ދައުރުކުރުމަށް ދޫކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އެހެންކަމުން، އެއްވެސް ފަރާތެއްގެ ނަމުގައިވާ ބޭންކު އެކައުންޓެއް ޤާނޫނާ ޚިލާފު ކަންކަމަށް މަގުފަހިވާ ގޮތަށް ބޭނުންކުރުމަށް ދިނުމަކީ، އެމީހެއްގެ މައްޗަށްވެސް ކުށުގެ ބައިވެރިއެއްގެ ގޮތުގައި ޤާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށްވާތީ، އެފަދަ ފުރުސަތު އެއްވެސް ފަރާތަކަށް ނުދިނުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ޤާނޫނާ ޚިލާފަށް މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދެއްވާފައެވެ.
މި ލިޔުން ކިޔާލުމުން



