ކްލައިމެޓް ފައިނޭންސް، ދެމެހެއްޓެނިވި ތަރައްޤީ އަދި ފެނުގެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ ޚާއްޞަ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި، ޕޯސްޓްގްރެޖުއޭޓް ސްކޮލަރޝިޕްތަކެއް ދީފި ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި ސްކޮލަރޝިޕްތަކަކީ ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ގެ މާލީ އެހީތެރިކަމާއެކު، އަދި ޖަރުމަނުގެ ޖީ.އައި.ޒެޑް ގެ ފަންނީ އެއްބާރުލުމާއެކު ކުރިއަށްގެންދާ "ޖީ.ސީ.އެފް ރެޑިނަސް ޕްރޮޖެކްޓް" ގެ ދަށުން ދިވެހިންނަށް ފަހިކޮށްދީފައިވާ އަގުހުރި ފުރުޞަތުތަކެކެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ބައިނަލްއަޤްވާމީ މާލީ އެހީ ހޯދުމުގެ ހުނަރު އިތުރުކުރުމެވެ. މީގެއިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ޤައުމު ތަރައްޤީކުރުމަށާއި، ރައްކާތެރި ފެނުގެ ވަސީލަތްތައް ބެލެހެއްޓުމަށް ބޭނުންވާ މަތީ ފަންތީގެ ތަޢުލީމާއި ތަމްރީނު ދިވެހި ޒުވާނުންނަށާއި ފަންނީ މުވައްޒަފުންނަށް ފޯރުކޮށްދިނުމަކީވެސް މި ޕްރޮގްރާމުގެ މުހިންމު މަޤްޞަދެކެވެ.
މި ސްކޮލަރޝިޕްތަކުގެ ސަބަބުން، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބޭނުންވާ މުހިންމު ދާއިރާތަކުން ޤާބިލު މީހުން ބިނާކުރެވި، ޤައުމީ ފެންވަރުގައި މި ދާއިރާތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
"ޖީ.ސީ.އެފް ރެޑިނަސް ޕްރޮޖެކްޓް" އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ތިމާވެށީގެ ދާއިރާއިން ލިބެންހުރި މާލީ އަދި ފަންނީ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި ޤައުމުތަކުގެ އިންސާނީ ވަސީލަތްތަކާއި މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމަށް އެހީތެރިވެދޭ މުހިންމު މަޝްރޫޢެކެވެ.
މި ލިޔުން ކިޔާލުމުން



