މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މި އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ޕެޓްރޯލްކުރަމުން ދިޔައިރު ހުޅުމާލެ ލޮޓް 11279 ކައިރިން، އޭނާއަށް ފުލުހުން ފެނުމުން އެއްޗެއް ފޮރުވައި ދުވެފައިގޮސް ފިލަން މަސައްކަތްކުރުމާ ގުޅިގެން ހުއްޓުވައި ބަލައިފާސްކޮށްފައި ކަމަށެވެ.
މިގޮތުން އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އަދި އޭނާ ފޮރުވަން މަސައްކަތްކުރި ތަކެތި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 153 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 108.16 ގުރާމު ކަމަށް ފުލުހުން ބުންޏެވެ.
އަދި މި މައްސަލައާ ގުޅިގެން އޭނާ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



