އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތައް ބިނާކުރުމުގެ މަޤްޞަދުގައި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އިން ހައްދުންމަތީ ގަމުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެ ކޮމިޝަނުން ކޮށްފައިވާ އިޢުލާނެއްގައި ވާގޮތުން، 5 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި "ހިއުމަން ރައިޓްސް ޑިފެންޑަރސް ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ލ. އަތޮޅުގެ ރަށްތަކުގައި ޙަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކަށާއި، އަމިއްލަ ޙައިޞިއްޔަތުން އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުގެ އިތުރުން އެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެމްބަރު 20 އިން 24 ގެ ނިޔަލަށް ލ. ގަމުގައެވެ.
މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތައް ބިނާކޮށް، މުޖުތަމަޢުގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާ ސަޤާފަތެއް ޤާއިމުކުރުމެވެ. އަދި އިންސާނީ ޙައްޤުތަކުގެ ރޫޙު އާލާކޮށް، އެ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާ ޖަމާޢަތްތައް ތަމްރީނުކޮށް ބާރުވެރިކުރުވުމެވެ.
އެޗް.އާރް.ސީ.އެމް އިން ވިދާޅުވީ، މި ޕްރޮގްރާމްގެ ތެރެއިން ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި އިންސާނީ ޙައްޤުތައް އެކުލެވިގެންވާ ނިޒާމުތަކުގެ މަޢުލޫމާތާއި، ހިއުމަން ރައިޓްސް ޑިފެންޑަރުންގެ މަސައްކަތްތަކާއި، ޙައްޤުތަކަށް ވަކާލާތުކުރާނެ ގޮތްތަކުގެ އިތުރުން އެޑްވަކަސީ ކެމްޕޭންތައް ރާވާ ހިންގުމާ ގުޅޭ ފަންނީ މަޢުލޫމާތުތައް ބައިވެރިންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ. މީގެއިތުރުން، އެ ކޮމިޝަނުން ކުރިއަށްގެންދާ އިތުރު ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމުގައި މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ޚަރަދުތައް ހަމަޖައްސައިދިނުމާ ގުޅޭގޮތުން އެ ކޮމިޝަނުން ވިދާޅުވީ، ގަމާއި ފޮނަދޫ ފިޔަވައި ލ. އަތޮޅުގެ އެހެން ރަށްރަށުން ބައިވެރިވާ ފަރާތްތަކަށް ފެރީގެ ޚަރަދާއި، ކެއުމާއި ހުރުމުގެ ޚަރަދުގެ އިތުރުން ގަމުގެ އެތެރޭގެ ދަތުރުފަތުރުގެ ޚަރަދު ދައުލަތުގެ ރޭޓުން ހަމަޖައްސައިދެވޭނެ ކަމަށެވެ. އަދި ފޮނަދޫން ބައިވެރިވާ ފަރާތްތަކަށް ގަމާއި ފޮނަދޫއާ ދެމެދު ކުރާ ދަތުރުގެ ޚަރަދު ހަމަޖައްސައިދިނުމުގެ އިތުރުން، ތަމްރީނު އޮންނަ ގަޑިތަކުގައި ހުރިހާ ބައިވެރިންނަށްވެސް ކެއުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެ ކަމަށް އިޢުލާނުގައިވެއެވެ.
ޕްރޮގްރާމަށް ކަނޑައެޅިފައިވާ ޢަދަދަށްވުރެ ގިނައިން މީހުން ރަޖިސްޓަރ ވެއްޖެނަމަ، ފުރުޞަތު ދިނުމުގައި އިސްކަންދޭނީ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ މަސައްކަތްކުރާ ފަރާތްތަކަށާއި އެފަދަ ޖަމްޢިއްޔާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަމަށް އެޗް.އާރް.ސީ.އެމް އިން މަޢުލޫމާތުދެއެވެ.
ވީމާ، މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 ސެޕްޓެންބަރު 3 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓަރ ވުމަށް އެޗް.އާރް.ސީ.އެމް އިން ވަނީ އެދިފައެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ކޮމިޝަންގެ ނަންބަރު 3003164 އަށް ގުޅުއްވުމަށް ނުވަތަ އީމެއިލް ކުރެއްވުމަށް ވެސް އެ ކޮމިޝަނުން ވަނީ އެދިފައެވެ.
މި ލިޔުން ކިޔާލުމުން



