ވޭތުވެދިޔަ ދުވަސްތަކުގައި މޮސްކޯގައި ބޭއްވުނު ބައެއް ބައްދަލުވުންތަކާ ގުޅޭ މަޢުލޫމާތު އެމެރިކާގެ ފަރާތުން ކިއެވްއާ ހިއްސާކޮށްފައިވާ ކަމަށް ޔުކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ހުކުރު ދުވަހު ވިދާޅުވެފައެވެ. އެ ބައްދަލުވުންތަކުގައި ބައިވެރިވި ފަރާތްތަކުގެ ތަފްޞީލު ހާމަނުކުރައްވައި ޒެލެންސްކީ ވިދާޅުވީ، މޮސްކޯގައި ގިނަ ބައްދަލުވުންތަކެއް ކުރިއަށް ގޮސްފައިވާ ކަމުގެ މަޢުލޫމާތު އެމެރިކާއިން ދީފައިވާ ކަމަށާއި، އެ މަޢުލޫމާތަށާއި ރަޝިޔާއާ އެކު ވާހަކަދެއްކުމުގައި އެކަށީގެންވާ ރާގެއް ބޭނުންކޮށްފައިވާތީ އެމެރިކާއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ނޭޓޯގެ މެންބަރު ޤައުމަކަށް އެއްވެސް ހަމަލާއެއް ނުދިނުމަށް ރަޝިޔާއަށް އިންޒާރު ދެއްވުމަށް ސީއައިއޭގެ ޑިރެކްޓަރު ޖޯން ރެޓްކްލިފް މޮސްކޯއަށް ވަޑައިގެންނެވި ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް ކްރެމްލިނުން ވަނީ މި ރިޕޯޓު ދޮގުކޮށްފައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ނޭޓޯގެ ޤައުމަކަށް ހަމަލާ ނުދެއްވާނެ ކަމަށް ވިދާޅުވެ، ރެޓްކްލިފްގެ ދަތުރުފުޅާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގެ މުހިންމުކަން ކުޑަކުރައްވާފައެވެ.
ރެޓްކްލިފްގެ ދަތުރުފުޅުގެ މައިގަނޑު މަޤްޞަދު ސާފުނުވި ނަމަވެސް، އެ ބައްދަލުވުމުގައި ނޭޓޯގެ މެންބަރަކާ ދެކޮޅަށް އަސްކަރީ ޙަރަކާތެއް ހިންގުމުގެ ފުރުޞަތާއި، އީރާނަށް ރަޝިޔާއިން ދެމުންދާ އެއްބާރުލުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް މަސްދަރުތަކުން ރޮއިޓާސްއަށް މަޢުލޫމާތު ދީފައިވެއެވެ.
ޕޮލެންޑްގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ވެސް ވިދާޅުވީ، ވޯސޯ އޮތީ ސީއައިއޭގެ އިސްވެރިންނާ މެދުކެނޑުމެއްނެތި ގުޅުމުގެ ތެރޭގައި ކަމަށާއި، މި ދަތުރުފުޅަކީ އެ ޤައުމަށް ޙައިރާންކަމެއް ލިބުނު ކަމެއް ނޫން ކަމަށެވެ. މީގެއިތުރުން، ޔުކްރެއިން ހަނގުރާމައިގައާއި މުޅި ސަރަޙައްދުގައި މަސްރަޙު ގޯސްކުރުމަށް ރަޝިޔާއިން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތްތަކެއް ފެންނަން ހުރި ކަމަށާއި، ކުރިއަށް އޮތް ދުވަސްވަރަކީ ރަޝިޔާއަށް ވަރަށް ނާޒުކު އަދި މުހިންމު ދުވަސްވަރަކަށް ވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ



