އެމެރިކާއިން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކުރިމަތިކުރުވާފައިވާ ބަންދުކުރުންތަކުގެ ސަބަބުން ބޭރުގެ ވިޔަފާރި 35 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވަނީ ވިދާޅުވެފައެވެ. ހަނގުރާމައަށް ހަމަސް ދުވަސް ވެފައިވާއިރު، އެމެރިކާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ގައުމުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން އީރާނުގެ ލީޑަރުން މިހާރު ދަނީ ހާމަކުރައްވަމުންނެވެ.
އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ މުޖްތަބާ ޚާމަނާއީ ވަނީ އިންފްލޭޝަނާއި، ވަޒީފާ ނެތުމާއި، އަގުތައް ކޮންޓްރޯލްކުރުން ފަދަ އިޤްތިޞާދީ އަދި ދިރިއުޅުމުގެ ގޮންޖެހުންތަކަށް ސީރިއަސްކަމާއެކު ޙައްލެއް ހޯދުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. ވޭތުވެދިޔަ މަހު އީރާނުގެ އަހަރީ އިންފްލޭޝަން 66 އިންސައްތައަށް އުފުލިފައިވާއިރު، މުޖްތަބާ ޚާމަނާއީއަކީ އެމަނިކުފާނުގެ ބައްޕާފުޅު އަވަހާރަވި ފެބްރުއަރީ 28 ގެ ޙަމަލާގައި އަނިޔާވެވަޑައިގަތް ފަހުން ޢާންމުންގެ ތެރެއިން ފެނިވަޑައިގެންފައި ނުވާ ބޭފުޅެކެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިޤްތިޞާދީ ޑީ-ޑޭގެ ގޮތުގައި ސިފަކޮށްފައިވާ ކެމްޕޭނެއްގެ ދަށުން އީރާނަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. މިގޮތުން، ތެހެރާނާއެކު ވިޔަފާރިކުރުމުގެ ސަބަބުން މިސްރުގެ ބޭންކް މިސްރުގެ ޔޫއޭއީ ގޮފިތަކުން ޑޮލަރުގެ މުޢާމަލާތްތައް ހުއްޓުވަން އެމެރިކާގެ ޓްރެޜަރީން ހުށަހަޅާފައިވާއިރު، މިސްރުގެ މަރުކަޒީ ބޭންކުން ދަނީ އެމެރިކާއާއެކު މަޝްވަރާކުރަމުންނެވެ. އަދި ހޮންގްކޮންގުގެ ކުންފުންޏަކަށާއި އީރާނުގެ ބޭންކް މެއްލީއާ ގުޅުންހުރި ފަރާތަކަށްވެސް ފިޔަވަޅު އަޅާފައިވެއެވެ.
ނަމަވެސް، ދުނިޔޭގެ އިޤްތިޞާދަށް ކޮށްފާނެ ނޭދެވޭ އަސަރަކަށް ބަލައި، ޗައިނާ އަދި އިންޑިއާ ފަދަ އީރާނުގެ ބޮޑެތި ވިޔަފާރި ޕާޓްނަރުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުން އެމެރިކާ ވަނީ ދުރުހެލިވެފައެވެ.
އެމެރިކާއިން ތެޔޮ ވިއްކުމުގެ ހުއްދަ ދިން ކުރު މުއްދަތުގެ ފަހުމުނާމާގެ ދަށުން 90 މިލިއަން ފީފާގެ ތެޔޮ ވިއްކުމަށް އީރާނަށް ކާމިޔާބުވި ކަމަށް އެ ޤައުމުގެ ރައީސް ޕެޒެޝްކިއާން ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން އެ އެއްބަސްވުން މިހާރު ވަނީ ރޫޅިފައެވެ.
ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާނުގެ ހުއްދަ ނެތި ދަތުރުކުރާ އުޅަނދުތަކަށް އެ ސަރަހައްދު އަދިވެސް އޮތީ ބަންދުވެފައި ކަމަށް އައި.އާރު.ޖީ.ސީން ބުނެފައިވާއިރު، ބުރާސްފަތި ދުވަހު އެ ކަނޑުއޮޅި ހުރަސްކޮށްފައިވަނީ އެންމެ 7 އުޅަނދެވެ.
ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން ގަތަރުގެ ބޮޑުވަޒީރު ވަނީ ތެހެރާންގައި އީރާނުގެ ލީޑަރުންނާ ބައްދަލުކުރައްވާ ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވާފައެވެ.



