އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދިޔަ ޕްރޮގްރާމުގެ ތެރެއިން، ހުތުބާ ކިޔުމާއި އިމާމުވެ ނަމާދު ކުރުމުގެ ހުއްދަ އިތުރު 91 ޒުވާނަކަށް ދީފިއެވެ. އިސްލާމީ މަރުކަޒުގައި ބޭއްވި މި ރަސްމިއްޔާތުގައި ދަސްވެނިވި ހަތީބުންނަށް ސެޓްފިކޭޓް ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ، މިއަދު ލިބުނު ސަނަދަކީ އިމާމުކަމަށް އަހުލުވެރިކަން ރަމްޒުކޮށްދޭ ބިންގަލެއް ކަމަށާއި، މީގެ މައްޗަށް އިތުރު އިލްމާއި ތަމްރީނު ހޯދަންޖެހޭނެ ކަމަށެވެ. އަދި ހަތީބުންނަކީ ހަމައެކަނި ހުކުރު ދުވަހު މިސްކިތުން ފެންނަ ބަޔަކަށް ނުވެ، ފަރުޟު ނަމާދުތަކުގެ ޖަމާއަތުން ފެންނަ، އެހެން ޒުވާނުންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާންޖެހޭނެ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޒް އަލީ ވަހީދު ވިދާޅުވީ، މީގެ ކުރިން މިސްކިތްތަކުގައި ހުތުބާ ދިނުމުގައި ގިނައިން އުޅުނީ ދޮށީ އުމުރުގެ ބޭފުޅުން ކަމަށްވީ ނަމަވެސް، މި ސަރުކާރުން ވަނީ ޒުވާނުންނަށް އެ ފުރުސަތު ފަހިކޮށްދީފައި ކަމަށެވެ. އަދި މިއީ އެއް ޖީލުން އަނެއް ޖީލަށް ތަމްރީނުކުރަންޖެހޭ ދާއިރާއެއްކަން ފާހަގަކުރައްވަމުން، މި ޕްރޮގްރާމުގެ 5 ވަނަ ބުރު ނިމުނުއިރު ޖުމްލަ 700 އަށްވުރެ ގިނަ ބައިވެރިން ތަމްރީނު ކުރެވިފައިވާކަން އޭނާ ހާމަކުރެއްވިއެވެ.



