ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިންގެ މުސާރަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ ހުއްދަދީފައިވާ ބޭންކެއްގައި ހުޅުވާފައިވާ އެ މުވައްޒަފެއްގެ އަމިއްލަ އެކައުންޓަށް ޖަމާކުރުން ސަރުކާރުން ވަނީ ލާޒިމްކޮށްފައެވެ. މި ބަދަލު ގެނެސްފައިވަނީ ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދަށް ގެނައި 3 ވަނަ އިސްލާހު ގެޒެޓްކުރުމާ ގުޅިގެންނެވެ. މިއީ ބިދޭސީން ގަވައިދުގެ ތެރެއަށް ވައްދައި، އެމީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާނީ ގެޒެޓްކުރާ ތާރީހުން ފެށިގެން 30 ދުވަސް ހަމަވުމުންނެވެ.
މި އިސްލާހުގެ މުހިންމު ބޭނުމަކީ ބިދޭސީންގެ މުސާރައިގެ މުއާމަލާތްތައް ބޭންކިންގ ސިސްޓަމްގެ ތެރެއަށް ވައްދައި، ޑޮލަރު ކަޅު ބާޒާރުގައި ވިއްކުމާއި ބޮޑު އަގުގައި ޑޮލަރު ގަންނަ މައްސަލައަށް ހައްލެއް ހޯދުމެވެ. މީގެ އިތުރުން ބޭރު ފައިސާގެ ގާނޫނަށް ގެނެވޭ ބަދަލާއެކު، ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ލިބޭ ޑޮލަރު އާމްދަނީގެ %40 ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭނެއެވެ.
އަދި ބޭރު ފައިސާ މާރުކުރުމަށް ދީފައިވާ 3 މަސްދުވަހުގެ މުއްދަތު އުވާލައި ކޮންމެ މަހަކު ފައިސާ މާރުކުރަން ލާޒިމްކުރުމުގެ އިތުރުން، ޑޮލަރުން ކުރެވޭ މުއާމަލާތްތަކުގެ ތަފްސީލު އެމްއެމްއޭއަށް ހިއްސާކުރަންޖެހޭނެއެވެ. މި ފިޔަވަޅުތަކުގެ އަސާސީ އަމާޒަކީ ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަމަމަގަށް އަރުވައި، ވިޔަފާރިވެރިންނަށް މުދާ އެތެރެކުރުމަށް ދިމާވާ ޑޮލަރުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.



