ދައުލަތުގެ އައު ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލަށް މުހިންމު އިޞްލާޙުތަކެއް ގެނެސް، އަދާހަމަކުރެވިފައިވާ އައު އުޞޫލު ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން އާންމުކޮށްފިއެވެ.
މި އުޞޫލަށް ގެނެވުނު މައިގަނޑު ބަދަލުތަކުގެ ތެރޭގައި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު (ޕާފޯމަންސް އެޕްރައިޒަލް - ޕީއޭ) އާއި، ޗުއްޓީ އަދި އެއް އިދާރާއިން އަނެއް އިދާރާއަށް ބަދަލުވާ ޙާލަތްތަކުގައި މުސާރައިގެ ކުރިއެރުން ދިނުމުގައި ބަލާނެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން، އުޞޫލުގެ 3 ވަނަ މާއްދާއަށް ގެނެވުނު މައިގަނޑު އިޞްލާޙުތަކަކީ:
- މުސާރައިގެ ކުރިއެރުން ޙައްޤުވާ އަސާސީ މިންގަނޑު: މުސާރައިގެ ކުރިއެރުން ދޭނީ އެ މަޤާމާއި، ރޭންކާއި މުސާރައިގެ ފިޔަވަޅުގައި ވިދިވިދިގެން 2 އަހަރު މަސައްކަތްކޮށް، ޕީއޭ އިން މަދުވެގެން %85 މާކްސް ލިބުމުންނެވެ. އަދި އަހަރުގެ ޕީއޭގެ ގޮތުގައި ބަލާނީ އެ އަހަރެއްގެ ތެރޭގައި މަދުވެގެން 90 ދުވަހު މަސައްކަތްކޮށް، އެނުއަލް ޕީއޭ ފުރިހަމަކޮށްފައިވާ ނަމައެވެ.
- ދިގު މުއްދަތުގެ ޗުއްޓީ ނުވަތަ ސަސްޕެންޝަންގެ ޙާލަތް: ވިހެއުމުގެ ޗުއްޓީ، ސަސްޕެންޝަން ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ އަހަރަކު 90 ދުވަސް ހަމަނުވާނަމަ، އެ އަހަރު ދޫކޮށްލުމަށްފަހު، 90 ދުވަސް ހަމަވި އޭގެ ކުރީ އަހަރާއި ޖެހިގެން އައި އަހަރުގެ ޕީއޭއަށް (%85 އަށް ވުރެ މަތިން މާކްސް ލިބިފައިވާނަމަ) ބަލައިގެން ކުރިއެރުން ދެވިދާނެއެވެ. ނަމަވެސް އެއްފަހަރު ކުރިއެރުން ދިނުމަށް ބޭނުންކުރި ޕީއޭއެއް ދެވަނަ ފަހަރަކަށް ބޭނުމެއް ނުކުރެވޭނެއެވެ.
މީގެ އިތުރުން އެއް މަޤާމާއި ރޭންކުގައި ހުރެ އެއް އިދާރާއިން އަނެއް އިދާރާއަށް ބަދަލުވާއިރު، އެއްވެސް އިދާރާއެއްގައި ވަކިން 90 ދުވަސް ހަމަނުވި ނަމަވެސް، ދެ އިދާރާ އެއްކޮށް 90 ދުވަސް ހަމަވެފައިވާނަމަ އަދި 2 ޕީއޭގެ އެވްރެޖުން %85 އަށް ވުރެ މަތިން މާކްސް ލިބިފައިވާނަމަ މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
އަދި އެއް އިދާރާއެއްގައި 30 ދުވަހަށް ވުރެ ކުރު މުއްދަތެއް ހޭދަވުމުގެ ސަބަބުން އެތަނުން ޕީއޭ ފުރިހަމަނުކުރެވުނު ނަމަވެސް، އަނެއް އިދާރާގެ ޕީއޭއިން %85 އަށް ވުރެ މަތިން މާކްސް ލިބި، ދެ ތަނުގައި މަސައްކަތްކުރި ޖުމްލަ މުއްދަތު 90 ދުވަހަށް އަރާނަމަ ކުރިއެރުން ދިނުމަށް ބަލައިގަނެވޭނެއެވެ.
ދެ އިދާރާއިންވެސް ޕީއޭ ފުރިހަމަކޮށްފައިވާނަމަ އަދި ޖުމްލަ 90 ދުވަސް ހަމަވާނަމަ، ކުރިއެރުން ދޭނީ އެ ދެ ޕީއޭގެ އެވްރެޖް %85 އަށްވުރެ މަތިވާނަމައެވެ.
މީގެއިތުރުން، "މަޤާމުގެ އެލަވަންސް" ގެ ހަރުފަތްތަކަށް މުސާރައިގެ ކުރިއެރުން ދިނުމުގައި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 88 ވަނަ މާއްދާއާއި 89 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރަންވާނެ ކަމަށްވެސް ސީއެސްސީގެ ސަރކިއުލަރގައި ފާހަގަކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން



