އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބު ޖެރެޑް ކުޝްނަރ މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގެ ކުރިން، މިޞްރުގެ އޮފިޝަލުންނާ މަޝްވަރާކުރެއްވުމަށް ހަމާސްގެ އިސް ލީޑަރު ޚަލީލް އަލް-ޙައްޔާ ޤާހިރާއަށް ވަޑައިގަންނަވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. ފާއިތުވި ޖުލައި މަހު ހަމާސްގެ ލީޑަރޝިޕާ ޙަވާލުވެވަޑައިގަތުމަށްފަހު ކުރައްވާ ފުރަތަމަ މި ދަތުރުފުޅުގައި، އާދީއްތަ ދުވަހުގެ ހެނދުނު މިޞްރުގެ އިންޓެލިޖެންސް ވެރިޔާ ޙަސަން ރަޝާދާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޣައްޒާގެ ޕްލޭނާ މެދު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކޮޅު ހައްދަވާފައިވާތީ، އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ކުޑަކުރުމަށް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނަރ އަންނަ ހަފުތާގައި އިސްރާއީލަށާއި މިޞްރަށް ދަތުރުކުރައްވާނެއެވެ. މި ދަތުރުފުޅުގައި ކުޝްނަރގެ އަރިހުގައި ބޯޑް އޮފް ޕީސްއިން ޣައްޒާއަށް ކަނޑައަޅާފައި ހުންނަވާ މަތީ މަންދޫބު ނިކޮލައި ލަދެނޯވް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރަކީ ފަލަސްޠީނުގެ އާ ވެރިކަންކުރާ ކޮމިޓީއަކާ ހަތިޔާރު ޙަވާލުކުރުމަށް ހަމާސްއިން އެއްބަސްވެފައިވާ 15 ނުކުތާގެ ޕްލޭން، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ފާޅުގައި ބަލައިނުގަނެ ދޫކޮށްލެއްވުމާ ގުޅިގެން ކުރައްވާ ދަތުރެކެވެ. މި ރޯޑްމެޕަށް ޢަމަލުކުރުމަށް ނަތަންޔާހޫއަށާއި އޭނާގެ ސަރުކާރަށް މަޖުބޫރުކުރުވުމަށްޓަކައި، މެދުވެރިންނާއި އެމެރިކާގެ ފަރާތުން ޕްރެޝަރު އަންނާނެ ކަމަށް އަދިވެސް އިންތިޒާރުކުރާ ކަމަށް ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު ބާސިމް ނަޢީމް ވަނީ ވިދާޅުވެފައެވެ.
ބޯޑް އޮފް ޕީސްގެ ޕްލޭން ބަލައިނުގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެފައިވާއިރު، ހަމާސްގެ ހަތިޔާރު އެއްކޮށް ނުބާލަނީސް އިސްރާއީލު ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ. އަދި އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވީ، ލުބުނާނާއި ސޫރިޔާގެ އިތުރުން ޣައްޒާ ހިމެނޭހެން ތިން ފްރަންޓުގައިވެސް އިސްރާއީލު ސިފައިންގެ އަސްކަރީ ޙާޟިރީ މެދުކެނޑުމެއްނެތި ދެމިއޮންނާނެ ކަމަށެވެ.
ސިޔާސީ މަޝްވަރާތައް ހިނގަމުންދިޔަ ނަމަވެސް އިސްރާއީލުން ޣައްޒާއަށް ދޭ ޙަމަލާތައް ކުރިއަށްދާއިރު، ހޮނިހިރު ދުވަހު ދިން ވައިގެ އަދި ބޮޑުބަޑީގެ ޙަމަލާތަކުގައި ފަލަސްޠީނުގެ ދެ މީހުން ޝަހީދުވެ 14 މީހުން ވަނީ ޒަޚަމްވެފައެވެ.
ފަލަސްޠީނުގެ ރަސްމީ މަސްދަރުތަކުން ބުނާ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުންވެސް 1,250 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޮކްޓޯބަރު 2023 އިން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 73,300 އަށް ވުރެ މައްޗަށް އަރާފައެވެ.



