ތުރުކީ، ސައޫދީ އަރަބިއްޔާ އަދި ޕާކިސްތާނުން ދާދިފަހުން ސޮއިކުރި ގުޅިފައިވާ ދިފާއީ އެއްބަސްވުމާ މިސްރު ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން، ގާހިރާއިން މި އެއްބަސްވުމާ ގުޅުމަކީ ވެދާނެ ކަމެއްގެ ގޮތުގައި ފާހަގަކުރައްވަމުން، އެހެން ގައުމުތަކަށް ވެސް މި އެއްބަސްވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ
އަލްޖަޒީރާ އަރަބިކްގެ "އަލްމުގާބަލާ" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް އުރުދުޣާން ވިދާޅުވީ، "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް" ގެ ދަށުން އެއްބަސްވުމުގައި ބައިވެރިވާ އެއްވެސް ގައުމަކަށް ބޭރުގެ ހަމަލާއެއް އަތުވެއްޖެނަމަ، އެކުގައި އެއްބައިވަންތަ ފިޔަވަޅުތަކެއް އެޅުން ލާޒިމުވާނެ ކަމަށެވެ. މައްކާގައި މިދިޔަ ހުކުރު ދުވަހު ރައީސް އުރުދުޣާން، ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ސޮއިކުރެއްވި މި އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ، މި ތިން ގައުމުން ކުރެ ކޮންމެ ގައުމަކަށް ދެވޭ ހަތިޔާރު އެޅި ހަމަލާއަކީ ހުރިހާ ގައުމަކަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ.
ސަރަހައްދީ ހަލަބޮލިކަމާ އެކަނި ކުރިމަތިލުމަށް ތުރުކީން އޭގެ އަވަށްޓެރިން ދޫކޮށްނުލާނެ ކަމަށާއި، ސީރިއާ، ޣައްޒާ އަދި ލުބުނާނަށް އެހީތެރިވުމުގައި ދެމިއޮންނާނެ ކަމަށް ރައީސް އުރުދުޣާން ވިދާޅުވިއެވެ. މީގެއިތުރުން ސޫދާނާއި ލީބިޔާއާއެކު އޮތް ގުޅުން ވަރުގަދަކަން ފާހަގަކުރައްވައި، ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވުމުގެ މުހިންމުކަމާއި ގަތަރުން މެދުވެރިއެއްގެ ގޮތުގައި ކުރި މަސައްކަތަށް ތައުރީފު ކުރެއްވިއެވެ. އަދި އީޔޫގެ މެންބަރަކަށް ވުމަކީ މިހާރު އަންކާރާގެ އިސްކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އެމެރިކާއާއެކު އޮތް ގުޅުމަށް އަލިއަޅުއްވާލައްވަމުން، އެފް-35 މަރުކާގެ ހަނގުރާމަމަތީ ޖެޓްތަކާ ގުޅޭގޮތުން ޑޮނަލްޑް ޓްރަމްޕްގެ ފަރާތްޕުޅުން ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމަށް އިންތިޒާރު ކުރައްވާ ކަމަށް އުރުދުޣާން ވިދާޅުވިއެވެ. އެސް-400 ނިޒާމު ގަތުމާ ގުޅިގެން އެޅި ފިޔަވަޅުތައް އުވާލައި އެފް-35 ޕްރޮގްރާމަށް ތުރުކީ އަނބުރާ ގެނައުމާމެދު ވިސްނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އެކަމަށް އެމެރިކާގެ ކޮންގްރެސްގެ ދެކޮޅުވެރިކަން އަދިވެސް އޮތްކަން ފާހަގަކުރެވެއެވެ.



