މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެ، މާފަންނު ގެއެއް ބަަލައިފާސްކޮށް، މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މި އޮގަސްޓު މަހުގެ 13 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މިގޮތުން އެ އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން މ. ސޭންޑީހޮލޯ / މާލެ، ޢަބްދުﷲ އިނާޒް (37އ) ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނީ 515.11 ގުރާމު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ޢަބްދުﷲ އިނާޒް ފަސްދުވަަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



