ހއ. އުތީމު ކަނދުވަލު މިސްކިތް ސަރަހައްދުގައި ތަރައްޤީކޮށްފައިވާ ތާރީޚީ "ވާހަކަ ވައު" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު މެންދުރުފަހު ހުޅުވައިދެއްވައިފިއެވެ. ޤައުމީ ދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް އުތީމަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމު ޢަބްދުﷲ ގެ އިތުރުން ވަޒީރުންނާއި، ދައުލަތަށް ދިގުމުއްދަތެއްގައި ޚިދުމަތްކުރެއްވި ބޭފުޅުންނާއި، ބޭރުގެ ޑިޕްލޮމެޓުން އަދި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ. ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ބައިވެރިން ވަނީ "ވާހަކަ ވައު" ބައްލަވާލައްވައި އެ ތާރީޚީ ހިނގާލުން ތަޖުރިބާކުރައްވާފައެވެ.
އުތީމު ކަނދުވަލު މިސްކިތާ އިންވެގެން އޮތް ޤުދުރަތީ ވަލުގެ ތެރޭގައި ތަރައްޤީކޮށްފައިވާ "ވާހަކަ ވައު" އަކީ ބޮޑުތަކުރުފާނުގެ މިނިވަންކަމުގެ ޖިހާދުގެ މުހިންމު ހާދިސާތައް ސިފަކޮށްދޭ ބޯޑުތަކެއްގެ އެހީގައި، ތާރީޚުގެ ތެރެއަށް ހިނގާލެވޭ ގޮތަށް ފަރުމާކުރެވިފައިވާ ޕާކެކެވެ. އެގޮތުން 1558 ގައި މާލެ އިސްތިއުމާރުކުރި ހިސާބުން ފެށިގެން، ހއ. ބާރަށުގައި ކަޅުއޮށްފުންމި ބެންނެވުމާއި، 1573 ގައި ލިބުނު ފަޚްރުވެރި ނަޞްރާ ހަމައަށް ހުރި ތާރީޚީ ވާހަކަތައް ތަރުތީބުން ފެންނަން ހުންނާނެއެވެ. މިއީ ފަންނުވެރިކަމާއި ޤުދުރަތީ ރީތިކަމުގެ ތެރެއިން ތާރީޚު ތަޖުރިބާކޮށްލެވޭ ގޮތަށް ބިނާކޮށްފައިވާ ތަނެކެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޤައުމިއްޔަތަށް ދެއްވާ ޚާއްޞަ އިސްކަމުގެ ތެރެއިން، ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު އަސާސަކީ އުތީމަކީ ސަގާފީ ފަތުރުވެރިކަމާއި ޤައުމީ ތާރީޚުގެ މުހިންމު މަރުކަޒަކަށް ހެދުމެވެ.



