އިންޑޮނޭޝިއާގެ ފްލޯރެސް ސަރަހައްދަށް މިއަދު ފަތިހު އައި ބާރުގަދަ ބިންހެލުމެއްގައި ހަތް މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. ރެކްޓާ މިންގަނޑުން 7.7 ގެ ބާރުމިނުގައި އައި މި ބިންހެލުމާ ގުޅިގެން އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް ވަނީ އުފެދިފައެވެ.
އިންޑޮނޭޝިއާގެ މީޓިއޮރޮލޮޖީ އެޖެންސީން ބުނި ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ގަޑިން ފަތިހު 05:00 ހާއިރު، ބިމުގެ 15 ކިލޯމީޓަރު އަޑިއަށެވެ. ބިންހެލުން އައި ސަރަހައްދަކީ މަޝްހޫރު ބާލީއާ ގާތްގަނޑަކަށް 1000 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހައްދެކެވެ.
ބިންހެލުމާއެކު ފްލޯރެސްގެ މައި ރަށް ކަމަށްވާ މައުމެރޭގެ ބަނދަރުމަތީގައި ތިބި މީހުންނަށް ވަނީ ނުރައްކާތެރި ހާދިސާތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ބަނދަރުގެ ޓާމިނަލް އިމާރާތުން ބޮޑެތި ކޮންކްރީޓްގަނޑުތައް ނެއްޓިގެން ފެރީއަށް އަރަން ތިބި މީހުންގެ ގަޔަށް ވެއްޓުނުއިރު، ބައެއް މީހުން ވަނީ ކަނޑަށް ވެސް ވެއްޓިފައެވެ.
މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ފުރަތަމަ ސުނާމީގެ އިންޒާރު ނެރުނެވެ. އެއާއެކު، އައްސޭރިފަށުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ސައިކަލުތަކުގައި ފަރުބަދަމަތީ ސަރަހައްދުތަކަށް ދިއުމަށް ދަތުރުކުރި މަންޒަރު ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، ފަހުން ވަނީ ސުނާމީގެ އިންޒާރު އުވާލާފައެވެ.
އެ ސަރަހައްދުގެ ރަށެއްގައި ދިރިއުޅޭ މީހަކު ބީބީސީއަށް މައުލޫމާތު ދިންގޮތުގައި، ބިންހެލުން އައި ވަގުތު އޭނާ އޮތީ ނިދާފައެވެ. "ބާރުގަދަ ލޮޅުމާއެކު ހޭލެވިގެން ވަގުތުން ދަރިފުޅު ގޮވައިގެން ބޭރަށް ނުކުތިން. އަދި ބިންހެލުމަށްފަހު ކަނޑުގެ ލޮނުގަނޑު ވަރަށް ބޮޑަށް ހިކުނު. އެކަމުގެ ސަބަބުން މީހުން ބިރުން ފަރުބަދަތަކާ ދިމާލަށް ދުވި،" އޭނާ ކިޔައިދިނެވެ.
ބިންހެލުމަށްފަހުވެސް 6.1 ގެ ބާރުމިނުގައި ލޮޅުންތަކެއް އައިސްފައިވާއިރު، ގިނަ ބަޔަކު އަދިވެސް ތިބީ ގެއަށް ވަންނަން ނުކެރި ބޭރުގައެވެ. ކަމާބެހޭ ފަރާތްތަކުން ދަނީ އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައިވޭތޯ ބަލައި، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ސަރުކާރުން ވަނީ ރައްޔިތުން ކަނޑާ ދުރަށް ދިއުމަށާއި، ރެނދުލާފައިވާ އިމާރާތްތަކަށް ނުވަނުމަށް އިލްތިމާސްކޮށްފައެވެ.



