ދިވެހިރާއްޖޭގެ މެހުމާންދާރީއަކީ މުޅި ދުނިޔެއަށްވެސް ނަމޫނާއެއް ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކުގެ އިތުރުން ކަމާގުޅޭ އެންމެހައި ފަރާތްތައް އެއްތަންވެ، ދާއިރާގެ ކުރިއެރުންތައް ވަޒަންކޮށް މުސްތަގުބަލުގެ އިސްކަންދޭނެ ކަންކަމާ މެދު މަޝްވަރާކުރުމަށް ބޭއްވި "މޯލްޑިވްސް ޓުއަރިޒަމް އިންޓެލިޖެންސް ކުއާޓަލީ ބްރީފިންގ" ގައި ވާހަކަފުޅު ދައްކަވަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކުވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ގުދުރަތީ ރީތިކަމަކީ ފަތުރުވެރިކަމުގެ މުހިންމު އެއް އަސާސް ކަމުގައިވީ ނަމަވެސް، ރާއްޖޭގެ އެންމެ ބޮޑު ބާރަކީ ދިވެހިންނެވެ. އެގޮތުން ދިވެހިވަންތަ އާދަކާދަތަކާއި، އިޖުތިމާއީ ގުޅުންތަކާއި، ދިވެހިންގެ ހިތްހެޔޮ މެހުމާންދާރީގެ އިތުރުން ހިދުމަތް ދިނުމުގައި ދިވެހިން ދައްކުވައިދޭ ތޫނުފިލިކަމަކީ މިއަދު ދުނިޔޭގެ އެހެން ޤާއުމުތަކުންވެސް ނަމޫނާއަކަށް ބަލަމުންދާ ކަންކަމެވެ.
މީގެއިތުރުން، ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ބަދަލުތަކާއެކު ތިމާވެއްޓަށާއި، ޒަމާނީ ކަންކަމުގެ އިތުރުން އައު އީޖާދުތަކަށް ފަސޭހައިން ހޭނުމުގެ ގާބިލުކަން ދިވެހިންގެ ކިބައިގައި ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ މުޅި ދުނިޔެއަށްވެސް ދިވެހިންނަކީ ނަމޫނާ ބައެއްކަން ސާބިތުކޮށްދޭ ވަރަށް ރަނގަޅު ސިފަތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.



