ވީރަން މޯލްޑިވްސް އިން އިސްނަގައިގެން، ބޭންކް އޮފް މޯލްޑިވްސް ގެ އެހީތެރިކަމާއެކު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި "ބީއެމްއެލް ވީރަން - ކޯޕަރޭޓްސް" ރިލޭ ރޭސް މިއަދު ވަނީ ކާމިޔާބުކަމާއެކު ނިންމާލައިފައެވެ. ރާއްޖޭގެ ކުންފުނިތަކާއި، އިދާރާތައް އަދި ޖަމްޢިއްޔާތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ހަރަކާތަކީ މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގަންނުވައި، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ މަޤުޞަދުގައި ބޭއްވި އިވެންޓެކެވެ. ކޮންމެ ޓީމެއްގައި 5 ދުވުންތެރިން ހިމެނުނުއިރު، ކޮންމެ މީހަކުވެސް 1 ކިލޯމީޓަރަށް ދުވެފައިވާ މި ރޭހުގައި ފިރިހެން 11 ޓީމާއި އަންހެން 7 ޓީމާއެކު ޖުމްލަ 18 ޓީމަކުން ވަނީ ވާދަކޮށްފައެވެ.
މިއީ ރާއްޖޭގައި ބޭއްވުނު ފުރަތަމަ ކޯޕަރޭޓް ރިލޭ ރޭހުގެ އިތުރުން، ރޭސް ނިންމަން ހޭދަވާ ވަގުތު ސީދާ ބެލުމަށްޓަކައި ބެޓަންގެ ތެރޭގައި ޗިޕެއް ހަރުކޮށްގެން ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ހަރަކާތްވެސް މެއެވެ.
މި މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން ހޯދިއިރު، ފުރަތަމަ ރަނަރއަޕަކަށް ރަންއިންމޯޑް އެތުލެޓިކްސް އަދި ދެވަނަ ރަނަރއަޕަކަށް ހޮވުނީ ބީއެމްއެލްއެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ރަންއިންމޯޑް އެތުލެޓިކްސް ހޯދިއިރު، ފުރަތަމަ ރަނަރއަޕަކީ ކްރޮސްރޯޑްސް އައިލެންޑް ސްޕްރިންޓާސްއެވެ. އަދި އެ ބައިގެ ދެވަނަ ރަނަރއަޕަކަށް ހޮވުނީ އޭޑީކޭ ސިނަރޖީއެވެ. ކުޅިވަރުގެ ރޫހު ދިރުވައި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަޤުޞަދުގައި ބީއެމްއެލްއިން އަންނަނީ އެކި ކަހަލަ އިޖުތިމާޢީ އަދި ކުޅިވަރު ޕްރޮގްރާމްތަކަށް މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.



