ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ފަހި ފްލެޓްތައް ކައިރިއަށް އެއްކޮށްފައި ހުރި ކުނިތައް ނެގުމަށްޓަކައި "މަދިރިން ރައްކާ" ތީމްގެ ދަށުން ޚާއްޞަ ކޮމިއުނިޓީ ކްލީންއަޕް ހަރަކާތެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން ވަނީ ކުރިއަށް ގެންގޮށްސައެވެ.
މިއަދު ހެނދުނު ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެޗްޑީސީގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަން ، ހުޅުމާލެ ޕޮލިސް، މޯޕާ އަދި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ބައިވެރިވެފައިވެއެވެ. ހަރަކާތް ފައްޓަވައިދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ ދިވެހިންނަކީ ޒަމާނުއްސުރެ ސާފުތާހިރުކަމަށް އިސްކަންދޭ، ކޮމިއުނިޓީ އެކުވެގެން ވެށި ބަލަހައްޓަމުން އަންނަ ބައެއް ކަމަށެވެ. އެޗްޑީސީގެ 200 މުވައްޒަފުންނާއެކު މި ހަރަކާތް ހަފުތާގެ އެހެން ދުވަސްތަކުގައިވެސް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
އެފްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޒާން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ކުނި އުކާލުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައި ސަރަޙައްދުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ފްލެޓްތައް ކައިރީ ސީސީޓީވީ ކެމެރާ ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށްދަނީ ވެމްކޯގެ އިރުޝާދާއެއްގޮތަށް ކުނި ވަކިކޮށްގެން ކަމަށާއި، ރައްޔިތުންގެ އެއްބާރުލުމާއެކު އެ ސަރަހައްދު އަބަދުވެސް ސާފުކޮށް ބެހެއްޓުމަށް އޭނާ އެދިވަޑައިގަތެވެ.
އެފްޑީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފްލެޓްތަކަށް މީހުން ބަދަލުވިފަހުން އެ ސަރަހައްދަށް އުކާލާފައިވާ ކުނި ނެގުމަށް އެކަނިވެސް މިހާތަނަށް 13.5 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރުން މި އަހަރުގެ މާޗުގެ ނިޔަލަށް ހިންގި 8.45 މިލިއަން ރުފިޔާއާއި، މެއި އަދި ޖޫން މަހު ހޭދަވި 4.95 މިލިއަން ރުފިޔާއެވެ. އެފްޑީސީން ހާމަކުރި ގޮތުގައި އެ ސަރަހައްދުން މިހާތަނަށް 5،040 ޓަނުގެ ކުނި ވަނީ ނަގައި ސާފުކޮށްފައެވެ.



