ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޤާނޫނީ ޒިންމާއަދާކުރުމުގެ ގޮތުން ކުރަމުން ގެންދާ މަސައްކަތްތަކަށް ނުރަސް ނޭޅުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން އިލްތިމާސްކޮށްފިއެވެ.
އެންއައިސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން އެ އިދާރާތަކުގެ ޤާނޫނީ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރެވޭ މަސައްކަތްތަކާމެދު، ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް، މީސްމީޑިއާގެ އެކި މަންސަތަކުގައި، ވާހަކަތައް ދައުރުވުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަކީ ޤައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރަމުންގެންދާ ނުހަނު އަގުހުރި މަސައްކަތެއް"، އެންއައިސީން ބުންޏެވެ.
އެންއައިސީން ވަނީ ތަންފީޒީ އިދާރާތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ހުރަސް އެޅޭނެ ފަދަ ކަންކަން ނުކުރުމަށާއި ޤާނޫނުތައް ތަންފީޒުކުރުމަށްޓަކައި އެ އިދާރާތަކަށް ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ޤާނޫނާއި ގަވާއިދާއި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފު ޢަމަލެއް ހިންގާކަމަށް ތުހުމަތު ކުރެވޭ ހާލަތުގައި، އެ ޝަކުވާ ނުވަތަ މައްސަލައެއް ބަލައިދިނުމަށް އެދި ކޮމިޝަނަށް ހުށަހެޅުމުގެ ފުރުޞަތު ކޮންމެ ފަރާތަކަށްވެސް ލިބިގެންވާ ކަމަށް އެންއައިސީން ބުންޏެވެ.
އެ ކޮމިޝަނުން ވަނީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން، ޤާނޫނާއި ގަވާއިދާއި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފު ޢަމަލެއް ކުރާކަމަށް ތުހުމަތު ކުރެވޭ ހާލަތުގައި، އެ ޝަކުވާ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކޮމިޝަނަށް ހުށަހެޅުމަށް އެދިފައެވެ.
އަދި، ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން އެ މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ޤާނޫނީ އިމުގެ ތެރެއިން ކުރުންމަތީ ދެމިތިބުމަށްވެސް އެންައިސީން ވަނީ ހަނދުމަކޮށްދީފައެވެ.
މި ލިޔުން ކިޔާލުމުން



