އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ 13 މެންބަރަކު ސޮއިކުރައްވައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅުއްވާފައެވެ. މި މައްސަލައިގައި އެމްޑީޕީން ބުނެފައިވަނީ ވަޒީރުންނާ ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާތަކަށް ސަޢީދު އިހުމާލުވެ، މަޖިލީހަށް ޖަވާބުދާރީވެވަޑައިނުގެން، ވަޒީރުން ކުރުން މަނާ ކަންކަން ކުރައްވާފައިވާ ކަމަށެވެ.
އެމްޑީޕީން ފާހަގަކުރި މައިގަނޑު ކަންތައްތަކުގެ ތެރޭގައި، އިގުތިޞާދީ އިސްލާހީ ސިޔާސަތުތައް އެދެވޭ ގޮތެއްގައި ތަންފީޒު ނުކުރެވުމުގެ ސަބަބުން ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވުން ހިމެނެއެވެ. އަދި އެ ހާލަތުގައި މައްސަލަ ހައްލުކުރުމުގެ ބަދަލުގައި، އެއީ އާދައިގެ ކަމެއްގެ ގޮތުގައި ސިފަކުރައްވައި ސަޢީދު މައްސަލައިގެ ހައްސާސްކަން ކަނޑުވާލައްވާފައިވާ ކަމަށްވެސް އެމްޑީޕީން ތުހުމަތުކުރެއެވެ.
މީގެ އިތުރުން، ދައުލަތުގެ މާލީ ހާލަތު ދަތި ދަނޑިވަޅެއްގައި ރާއްޖެއިން ބޭރުގައި ބޭއްވި އިންވެސްޓަރު ފޯރަމްތަކަށާއި މަޝްރޫއުތައް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުތަކަށް ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާއާއި ވަސީލަތްތައް ސަޢީދު ބޭނުންކުރައްވާފައިވާ ކަމަށް ބުނެފައިވެއެވެ. މިސާލެއްގެ ގޮތުން، ޚިދުމަތް ނުފެށި އޮތް ޑިވެލޮޕްމެންޓް ބޭންކަށް މިދިޔަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް 6.56 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.



