ދިވެހިރާއްޖެ އާއި ތުރުކީވިލާތާ ދެމެދު ވެވުނު "މޯލްޑިވްސް-ތުރުކީ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް" (އެމް.ޓީ.ޕީ.ޓީ.އޭ) އަށް ރަސްމީކޮށް ޢަމަލުކުރަން ފަށައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ނޮވެމްބަރު 26 އިން 29 އަށް ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ނަތީޖާއެކެވެ. އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ވިޔަފާރި، ފަތުރުވެރިކަން، އިންވެސްޓްމަންޓް އަދި އިގްތިސާދީ ތަރައްގީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމަށް އެއްބަސްވެވަޑައިގަންނަވާފައެވެ.
2024 ނޮވެމްބަރު 4 ގައި ސޮއިކުރެވުނު މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ. އަދި ތުރުކީގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ވިޔަފާރިއާ ބެހޭ ވަޒީރެވެ. މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ލުއިފަސޭހަތަކެއް ލިބި، އަމިއްލަ ވިޔަފާރިތަކަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި މި އެއްބަސްވުމުގެ ދަށުން، ހާމޮނައިޒްޑް ސިސްޓަމްގެ 75 ބާވަތެއްގެ މުދަލުން ދެ ގައުމުން ވަނީ ޓެރިފްގެ ލުއިތަކެއް ދިނުމަށް ނިންމާފައެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގެ މަހުގެ އުފެއްދުންތައް ތުރުކީގެ 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ ބާޒާރަށް އެތެރެކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ދިވެހި ވިޔަފާރިވެރިންނަށް ތުރުކީގެ އުފެއްދުންތަކާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހެޔޮ އަގުގައި އެތެރެކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، މިއީ ރާއްޖެއަށް މުދާ އެތެރެކުރާ މަސްދަރުތައް އިތުރުކޮށް، ތަކެތީގެ އަގު ހެޔޮކުރުމަށާއި، ދެ ގައުމުގެ އަމިއްލަ ވިޔަފާރިތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި އެ މިނިސްޓްރީން ބުނެފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަކީ ރާއްޖެ އާއި ތުރުކީގެ އިގްތިސާދީ ގުޅުމުގެ އާ ބާބެއްގެ ފެށުމެއް ކަމަށާއި، މިއީ ދެ ގައުމުގެ އިގްތިސާދު ކުރިއަރުވައި، ވިޔަފާރި އާއި އިންވެސްޓްމަންޓް ފުޅާކުރުމަށް ދެ ގައުމުން ދޭ އިސްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
އަދި މިއީ ދެ ގައުމަށްވެސް ފައިދާހުރި ބައިނަލްއަގުވާމީ ވިޔަފާރީގެ ގުޅުންތައް ގާއިމުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ބައެއް ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.



