ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓި އެއް ދިޔަވެ، ގާފަރު ކައިރިއަށް އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 8:48 އެހާކަންހާއިރުއެވެ. މި ހާދިސާ ހިނގި ވަގުތު އުޅަނދުގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ބިދޭސީންނާއި ދެ ދިވެހިންނެވެ.
މި ހާދިސާގައި 10 މީހުންގެ ތެރެއިން އަށް މީހަކު ސަލާމަތްކޮށް ގާފަރަށް ގެންގޮސްފައިވާއިރު، އެ މީހުންނަށް ވަނީ ކުދިކުދި އަނިޔާތައް ލިބިފައެވެ. ނަމަވެސް، އުޅަނދުގައި ތިބި ބަންގްލަދޭޝްގެ ދެ މީހަކު ވަނީ ގެއްލިފައެވެ.
އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވާ ގޮތުގައި، ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއްނެތި ކުރިއަށްގެންދެއެވެ. މި މަސައްކަތުގައި ކަނޑާއި ވައިގެމަގުން މިހާތަނަށް ބޮޑު ސަރަހައްދެއް ބަލާފައިވާއިރު، ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް އަންނަނީ ކަނޑުމަގުން ހަރަކާތްތެރިވަމުންނެވެ. އެހެންނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.



