ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއި މަޙުޝަރު މައިދާނުގެ ނާމާންކަމުން ސަލާމަތްވެވޭނީ ދުނިޔޭގައި އިމާންވެ ހެޔޮ އަމަލުތައް ކޮށްގެން ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިއްވި މިއަދުގެ ހުކުރު ޚުތުބާގައި ބަޔާންކޮށްދީފައިވެއެވެ. "ޤިޔާމަތްދުވަހާއި މަޙުޝަރުމައިދާނަށް ތައްޔާރުވާށެވެ!" މި މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ވަނީ ޤިޔާމަތް ދުވަހު މީސްތަކުންގެ ހާލަތު ހުންނާނެ ގޮތާއި އެދުވަހުގެ ނާމާންކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ޚުތުބާގައި ފާހަގަކުރި ގޮތުގައި ޤިޔާމަތްވުމުގެ ޒަލްޒަލާއަކީ ބޮޑުވެގެންވާ ކަމެކެވެ. އެދުވަހުގެ ބިރުވެރިކަމުން ކިރުމައިން އެކުދިންގެ ދަރިންގެ މަތިން ހަނދާންނެތި، މާބަނޑު އަންހެނުން ބަނޑުގައި އޮތް ދަރި ވިހައި، އަދި މީސްތަކުން ތިބޭނީ اللهގެ އަޒާބުގެ ގަދަފަދަކަމުން މަސްތުވެފައިވާ ފަދަ ހާލަތެއްގައެވެ. އަދި މަހުޝަރު ބިމުގައި އިންސާނާ އޭނާގެ އަޚާއާއި، މަންމައާއި، ބައްޕަގެ އިތުރުން އަނބިދަރިންގެ ކިބައިން ފިލަން ދާނެ ކަމަށާއި، އެކަކު އަނެކަކަށް އެހީތެރިކަމެއް ފޯރުކޮށްނުދެވޭނެ ކަމަށްވެސް ބުންޏެވެ.
އެ ބިރުވެރި ދުވަހު އީމާންވެ ހެޔޮ އަމަލުކުޅަ މުއުމިނުންގެ މޫނުމަތިން އުފާވެރިކަމާއި އަލިކަން ފެންނަން ހުންނާނެއެވެ. ނަމަވެސް ކާފިރުންގެ މޫނުމަތީގައި ވަނީ ހިރަފުހާއި ކަޅު އަނދިރިކަމެވެ. މީގެ އިތުރުން، ޤިޔާމަތް ދުވަހު އިންސާނާގެ އަނގަ ބަންދުކުރެވި، އޭނާ ދުނިޔޭގައި ކުޅަ އަމަލުތަކަށް އޭނާގެ އަތްފައި، ކަންފަތް، ލޮލާއި ހަންގަނޑު ހެކިދޭނެ ކަމަށާއި، ކޮންމެ މީހަކު ކުޅަ ކުޑަ އަދި ބޮޑު ކަމެއް ހިމެނޭ އަމަލުފަތް އެމީހަކާ ހަވާލުކުރެވޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާ ނިންމާލަމުން ވަނީ ދުނިޔޭގެ ވަގުތީ އުފަލަށް ނުހެއްލި، ފާފަތަކަށް ތައުބާވެ، ހެޔޮ އަމަލުތައް ގިނަކޮށް އާޚިރަތް ދުވަހަށް ތައްޔާރުވުމަށް އެންމެހައި މުސްލިމުންނަށް ނަސޭހަތްތެރިވެފައެވެ.



