ޖަޕާނުގެ ދެކުނަށް އައި ރިކްޓަރ މިންގަނޑުން 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 25 އަށް އަރައިފިއެވެ. މި ބިންހެލުމުގައި ޔަޓްސުޝިރޯ ސިޓީގެ ޢުމްރާނީ ވަޞީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ފިނިހޫނުމިން 35 ޑިގްރީގައި ހުރުމާއެކު ފެނާއި ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުން އާންމުންނަށް ވަނީ ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާންޖެހިފައެވެ.
ޔަޓްސުޝިރޯގެ 58،000 އެއްހާ ގޭބިސީން ފެނާއި ކަރަންޓު ކެނޑިފައިވާއިރު، ފެން ހޮޅިތަކަށް ލިބުނު ގެއްލުން މަރާމާތުކޮށް ނިންމޭނެ ދުވަހެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް، މާދަމާ ހަވީރާ ހަމައަށް ކަރަންޓުގެ ޚިދުމަތް އަލުން ދިނުމަށް ކަމާބެހޭ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ހަފްތާ ބަންދުގައި ފިނިހޫނުމިން 40 ޑިގްރީއަށް އުފުލޭނެ ކަމަށް ބެލެވޭތީ، ޖަޕާނުގެ އަސްކަރިއްޔާއިން ދަނީ ވަގުތީ ހިޔާތަކުގައި 300 އެއާކޮންޑިޝަން ޔުނިޓް ހަރުކޮށް، އާންމުންނަށް ފެން ފޯރުކޮށްދެމުންނެވެ.
ކުމާމޮޓޯ ޕްރިފެކްޗަރއިން ބުނި ގޮތުގައި ގިނަ މީހުން މަރުވެފައިވަނީ އިމާރާތްތައް ވެއްޓުމުގެ ސަބަބުންނެވެ. އަދި އިތުރު ނުވަ މީހެއްގެ މަރުގެ ހާދިސާ ބިންހެލުމާ ގުޅުންހުރިތޯ ދަނީ ތަހުގީގު ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން ޓޮޔޯޓާ، ހޮންޑާ، ސޮނީ އަދި ޓީއެސްއެމްސީ ފަދަ ބޮޑެތި ކުންފުނިތަކުގެ މަސައްކަތްތައް ވަގުތީގޮތުން މެދުކަނޑާލާފައިވާއިރު، ޖަޕާނު ސަރުކާރުން އިސްކަންދެނީ ގެއްލުންވި ވަޞީލަތްތައް އިއާދަކޮށް އިގްތިސާދީ އަސަރު ކުޑަކުރުމަށެވެ.



