މޫސުމާ ބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. އެއިދާރާއިން ވިދާޅުވި ގޮތުގައި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިރޭ 10:15 އިން ފެށިގެން ދަންވަރު 04:15 އާއި ހަމައަށް ހުދު ސަމާލު ނެރެފައިވާއިރު، އޭގެކުރިން ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށްވެސް ރޭގަނޑު 8:30 އިން ދަންވަރު 2:30 އަށް ހުދު ސަމާލު ނެރެފައެވެ. އެހެންކަމުން މިރޭ ދަންވަރާ ހަމައަށް މުޅި ރާއްޖެއަށް އޮތީ ހުދު ސަމާލު ނެރެވިފައެވެ.
މި ސަމާލު ނެރެފައިވާ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް ލަފާކުރެވެއެވެ. އަދި ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއްވައެވެ.
މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެއް ކަމަށާއި، ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ "ލޯ ޕްރެޝަރ ޓްރަފް" އެއްގެ ސަބަބުން ހުޅަނގު ފަރާތުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުންދާ ކަމަށް އެއިދާރާއިން ފާހަގަކުރައްވައެވެ. އަދި މާދަމާ މޫސުން އިތުރަށް ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ.



