އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް އާއި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް ގެ ސީނިއަރ ލިއޭޒަން އޮފިސަރ، ޑިޓެކްޓިވް ސުޕްރިންޓެންޑެންޓް ކެތަރިން ޕޮލްކިންގހޯން އާއެކު ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މިއަދު ޚާއްޞަ ބައްދަލުކުރެއްވުމެއް ބާއްވަވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި މަޝްވަރާ ކުރައްވާފައިވެއެވެ. އެގޮތުން، އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ޚާއްޞަކޮށް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި ތަޙުޤީޤުކުރުމުގެ ދާއިރާއިން ފޯރުކޮށްދޭ ތަމްރީނު ޕްރޮގްރާމްތަކާއި، ފޯރުކޮށްދީފައިވާ ވަސީލަތްތަކުގެ އިތުރުން ފަންނީ އެހީތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައިވެއެވެ.
މީގެއިތުރުން، ކުރިމަގުގައި ދެ މުއައްސަސާ ގުޅިގެން އިތުރަށް ކުރެވިދާނެ މަސައްކަތްތަކާއި، ތަމްރީނުގެ ފުރުޞަތުތައް އިތުރަށް ފަހިކުރުމާ ގުޅޭގޮތުންނާއި، ގުޅިގެން ކުރިއަށްގެންދެވިދާނެ އެހެނިހެން ހަރަކާތްތަކާ މެދުގައިވެސް މި ބައްދަލުވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.



