މިއަދު މެންދުރުފަހު 15:50 ހާއިރު ފ. ނިލަންދޫއިން ދ. މީދޫއަށް ދަތުރުކުރި ލޯންޗެއް ކަނޑުގަދަވެ، ރާޅު އެރުމުގެ ސަބަބުން ހާލުގައި ޖެހިއްޖެއެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ނިލަންދޫގައި ތިބި ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، ދ. ފުށިކަނޑު ސަރަހައްދުން އެ ލޯންޗު ހޯދައި ރައްކާތެރިކަމާއެކު އެނބުރި ނިލަންދޫއަށް ގެންގޮސްދީފައެވެ.
މި އުޅަނދުގައި ތިބި 12 ފަސިންޖަރުންނާއި 3 ފަޅުވެރިންނާއެކު ޖުމްލަ 15 މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ. ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މިފަދަ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށާއި، އުޅަނދުފަހަރުގައި ހުންނަންޖެހޭ ސަލާމަތީ ވަސީލަތްތައް ހަމައަށް ހުރިތޯ ރަނގަޅަށް ޗެކްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.



