ކޮރެއާގެ "ކޭޑީއައި ސްކޫލް އޮފް ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓް" އިން 2027 ވަނަ އަހަރުގެ ސްޕްރިންގް އިންޓޭކަށް ދޭ ސްކޮލަރޝިޕް ފުރުޞަތުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިއަދު ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕްތަކަކީ މާސްޓަރސް ޑިގްރީ ފެންވަރުގެ ކޯސްތަކަކަށް އަމާޒުކޮށްގެން ދޭ ފުރުޞަތުތަކެކެވެ. މީގެ ދަށުން ކިޔެވުމަށް ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ޕަބްލިކް ޕޮލިސީ، ޑިވެލޮޕްމަންޓް ޕޮލިސީ، ޕަބްލިކް މެނޭޖްމަންޓް، އިންޓަލެކްޗުއަލް ޕްރޮޕަޓީ އެންޑް ޑިވެލޮޕްމަންޓް ޕޮލިސީ، އަދި ޑާޓާ ސައިންސް ފޯރ ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓް ހިމެނެއެވެ.
މި ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަކީ ހުށަހަޅާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް 31 އޮގަސްޓް 2026 ގެ ކުރިން ހާސިލްކޮށްފައިވާ ފަރާތްތަކަކަށް ވާންޖެހެއެވެ. މީގެ އިތުރުން، އިނގިރޭސި ބަހުގެ ފެންވަރު ބެލުމަށްޓަކައި ޓީއޯއީއެފްއެލް އިން 570 އިން މަތި ނުވަތަ އައިއީއެލްޓީއެސް އިން 6.0 އަށް ވުރެ މަތީގެ ސްކޯއެއް ލިބިފައި އޮންނަންވާނެއެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، ދައުލަތުގެ ލޯނެއް ނަގާފައިވާ ފަރާތެއް ނަމަ، އެ ލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ. އަދި މިހާރު ހާސިލްކޮށްފައިވާ ސެޓްފިކެޓަށްވުރެ މަތީ ފެންވަރުގެ ކޯހަކަށް މި ކޯސް ވާންޖެހޭނެއެވެ.
މި ސްކޮލަރޝިޕް ކާމިޔާބުކުރާ ދަރިވަރުންނަށް އެޑްމިޝަން ފީ، ޓިއުޝަން ފީ، އެކޮމޮޑޭޝަން، ސްޓައިޕެންޑް އަދި ރިޓާން އިކޮނޮމީ ކްލާސް ޓިކެޓް ސްކޮލަރޝިޕް ދޭ ފަރާތުން ހަމަޖައްސައިދޭނެއެވެ.
މި ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 05 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 13:30 އެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ "ކުރި" ޕޯޓަލް އަދި ކޭ.ޑީ.އައި ސްކޫލްގެ އެޑްމިޝަން ވެބްސައިޓް މެދުވެރިކޮށް ދެގޮތަށެވެ.
މިނިސްޓްރީން ނޮމިނޭޓްކުރާ ފަރާތްތަކުން 06 އޮގަސްޓް 2026 ގެ ކުރިން ލިޔެކިޔުންތަކުގެ އަސްލު މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ހޮޓްލައިން 1474 އަށް ގުޅުއްވުމަށް ނުވަތަ އީމެއިލް ކުރެއްވުމަށް މިނިސްޓްރީން އެދެއެވެ.



