މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމަށް މީހަކު ހޯދުމަށް އެ ކުންފުނިން އިއުލާނުކޮށްފިއެވެ.
މޯލްޑިވް ގޭސް އިން ކުރި އިއުލާނެއްގައިވާ ގޮތުން، މި މަގާމަށް ހޮވޭ ފަރާތަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 44،000ރ. އާއި 46،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ އަސާސީ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވާ 20،000ރ. އާއި އެހެނިހެން އިނާޔަތްތަކުގެ ގޮތުގައި ލިބޭ 24،000ރ. އާއި 26،000ރ. އާ ދެމެދުގެ އަދަދެކެވެ.
މި މަގާމަށް ހޮވޭ ފަރާތަކުން ކުންފުނީގެ މާލީ ރޭވުންތައް ބެލެހެއްޓުމާއި، ބަޖެޓް ތައްޔާރުކުރުމާއި، މާލީ ރިޕޯޓުތައް ތައްޔާރުކޮށް ބޯޑަށް ހުށަހެޅުން ހިމެނެއެވެ. އަދި ކުންފުނީގެ ހަރަދުތައް ކުޑަކޮށް، މާލީ ގޮތުން ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީ ވެސް ސީއެފްއޯގެ ޒިންމާއެކެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފައިވާ އަދި މަދުވެގެން 5 އަހަރުގެ މެނޭޖީރިއަލް ތަޖުރިބާ ހުރި ފަރާތަކަށް ވާންޖެހެއެވެ. ނުވަތަ މާސްޓާޒް ޑިގްރީއަކާއެކު އެއް އަހަރުގެ ތަޖުރިބާ ހުންނަންވާނެއެވެ. މީގެ އިތުރުން ސީއައިއެމްއޭ ، އޭސީސީއޭ ނުވަތަ ސީޕީއޭ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް މޯލްޑިވް ގޭސް އިން ބުނެއެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އޮގަސްޓް މަހުގެ 5 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ މޯލްޑިވް ގޭސްގެ ހެޑް އޮފީހަށް ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް އެލްޕިކޭޝަން ހުށަހަޅަންވާނެއެވެ.



