މިއަދު ސިއްހީ ވުޒާރާއިން ވިދާޅުވި ގޮތުގައި، ރާއްޖޭގައި ހިމަބިއްސަށް ފައްސިވާ މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިންނެވެ. ވޭތުވެދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ ވޭދަނަ ފެނިފައިވާއިރު، މިއަހަރުގެ މިހާތަނަށް ޖުމްލަ 186 ވޭދަނަ ވަނީ ރިޕޯޓްކުރެވިފައެވެ. އަދި ބަލިޖެހުނު މީހުންނާ ގާތުން އެއްތާވި 1،664 މީހަކު ފާހަގަކުރެވި، އޭގެ ތެރެއިން 164 މީހަކު ދަނީ މޮނިޓަރު ކުރަމުންނެވެ. ބަލި ފެތުރުން ކަންޓްރޯލް ކުރުމަށް އެޗްޕީއޭއިން ކުރާ މަސައްކަތުގެ ތެރެއިން މިހާތަނަށް 12،000 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.
އެޗްޕީއޭއިން ވަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކުރެވުނުކަން ޔަގީންނުވާ މީހުން ކަނޑައެޅިފައިވާ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފައެވެ. މާލެ ސަރަހައްދުގައި ވެކްސިން ދިނުމުގެ ޚިދުމަތް ދެމުންދަނީ އޫޕީއެޗްސީސީ، ހުޅުމާލޭ ހޮސްޕިޓަލް، ސެނެހިޔާ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުންނެވެ. މީގެ އިތުރުން، ބަލިޖެހިފައިވާ މީހަކާއި ގާތުން އެއްތާވި ފަރާތްތަކަށް ޚާއްޞަކޮށްގެން އޫޕީއެޗްސީސީ އާއި ހުޅުމާލޭ ހޮސްޕިޓަލުން ވަކި ގަޑިތަކެއްގައި ވެކްސިން ދިނުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ރަށްތަކުގެ ސިއްހީ މަރުކަޒުތަކުންވެސް ކަނޑައެޅޭ ގަޑިތަކެއްގައި މި ޚިދުމަތް ލިބޭނެއެވެ.
މި ބައްޔަށް ސިއްހީ ހިދުމަތްތެރިން ހޭލުންތެރިކުރުވުމުގެ ގޮތުން އޮންލައިން ތަމްރީނުތަކެއް ވަނީ ބާއްވާފައެވެ. އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާއި އައިޖީއެމްއެޗް ގުޅިގެން ޑެންގީ، އިންފްލުއެންޒާ އަދި ހިމަބިހި ފަދަ ބަލިތަކަށް ފަރުވާދޭނެ ގޮތުގެ ޓްރެއިނިންގް އޮފް ޓްރެއިނާސް ޕްރޮގްރާމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ކެއްސުން، ނޭފަތުން އަރިދަފުސް ފޭބުން، ލޯ ރަތްވުން އަދި އެންމެ ފުރަތަމަ މޫނާއި ކަރުގައި ނަގައި މުޅި ހަށިގަނޑަށް ފެތުރޭ ރަތް ބިހިތަކެއް ހިމެނެއެވެ. ރާއްޖެއިން 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވުނު ކަމަށް ކަނޑައެޅި ނަމަވެސް، 2020 އަދި 2023 ވަނަ އަހަރުވެސް މި ބަލި ޖެހިފައިވާ މީހުން ފެނިފައިވެއެވެ.



