މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަގުބޫލު “ފަސްމީރު” ބްރޭންޑުގެ ތަފާތު ރަހަތައް ހިމެނޭހެން ޚާއްސަ ހަދިޔާ ޕެކެއް ތަޢާރަފުކޮށްފިއެވެ.
މިފްކޯ އިން ބުނީ މި ޕްކޭޖަކީ އާއިލާ އާއި ރަހުމަތްތެރިންނަށް ހަދިޔާކުރުމަށާއި، ދިވެހިވަންތަ ކަނޑުމަހުގެ މީރު ރަހަތައް އެހެން ފަރާތްތަކަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ އުފެއްދުމެއް ކަމަށެވެ.
މިގޮތުން ޖުމުލަ 12 މަސްދަޅު ހިމެނޭ މި ހަދިޔާ ޕެކްގައި ފަސްމީރު ބްރޭންޑުގެ 4 ރަހައެއް ހިމެނެއެވެ. އެއީ ކަނޑުމަސް ގިތެޔޮ މިރުހާއެކު އާއި ކަނޑުމަސް ލުނބޮޔާއި މިރުހާއެކު އާއި ކަނޑުމަސް އަސޭމިރުހާއެކު އަދި ކަނޑުމަސް ހިކި މިރުހާއެކު އެވެ.
މިފްކޯ އިން ބުނީ ކޮންމެ ވައްތަރަކުން 3 ދަޅު ހިމެނޭ މި ޕެކޭޖަކީ އަގުގެ ގޮތުން ބަލާއިރުވެސް ކަސްޓަމަރުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެއް ކަމަށާއި، އެގޮތުން ވަކިވަކިން މަސްދަޅު ގަންނަން ލިބޭ އަގަށްވުރެ ހެޔޮ އަގެއްގައި، މި ހަދިޔާ ޕެކް މިހާރު 221ރ. އަށް ލިބެން ހުންނާނެ ކަމަށެވެ.
އަދި ބޭނުން ފަރާތަކަށް ހަދިޔާގެ ގޮތުގައި ދެވޭގޮތަށް ތައްޔާރުކޮށްފައިވާ މިޕެކޭޖުގެ ފަރުމާގައި ހަދިޔާ ލިބޭ ފަރާތުގެ ނަންވެސް ޖަހައިލެވޭނެ ކަމަށާއި، މިއީ ދަތުރުފަތުރު ކުރާއިރު ފޮއްޓަށް ނުވަތަ ދަބަހަށް ލައިގެން ފަސޭހައިން އުފުލޭނެހެން ތައްޔާރުކޮށްފައިވާ ޕެކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
މިފްކޯގެ މި އާ އުފެއްދުމާއެކު، ފަސްމީރުގެ ތަފާތު މީރު ރަހަތައް އެއް ޕެކޭޖަކުން ތަޖުރިބާކޮށްލުމުގެ ފުރުސަތު މިވަނީ ކަސްޓަމަރުންނަށް ފަހިވެފައެވެ.
ފަސްމީރުގެ މީރު ރަހަތައް ހިމެނޭ މި ހަދިޔާ ޕެކް، މާލެއާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ މިފްކޯގެ މަސްފިހާރަތަކުން މިހާރު ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.



