ރާއްޖެއިން ވިލާތުގެ އިއްތިހާދު (އީޔޫ) އާއި ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ދިޔާނާ އެ މަޤާމަށް އައްޔަންކުރުމާ މެދު ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މި ހިނގާ ޖުލައި މަހުގެ ހަތްވަނަ ދުވަހުއެވެ.މި މައްސަލަ މަޖިލީހުގެ ޚާރިޖީ ކޮމިޓީއަށް ފޮނުވުމުން، ކޮމިޓީން ވަނީ ދިޔާނާ އެ މަޤާމަށް ޢައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށްފައެވެ.
މި މަޤާމަށް ދިޔާނާ ޢައްޔަންކުރެއްވުމަށް މިއަދު މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ދިޔާނާއަށް ރުހުން ދޭން ފެންނަ ކަމަށް 52 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ.
ދިޔާނާ ސައީދަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ފުންނާބުއުސް ޤާނޫނީ ވަކީލެކެވެ. އެކަމަނާ ވަނީ މީގެ ކުރިން ދައުލަތުގެ ބަންޑާރަނައިބު ކަމުގެ މަޤާމުގެ އިތުރުން، ސަރަހައްދީ ޖަމްއިއްޔާ، ސާކުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަތިވެރި މަޤާމުވެސް ފުރުއްވާފައެވެ.



