ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ދެ މީހުން ހައްޔަރުކޮށްފިއެވެ.
މިގޮތުން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ޖުލައި 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުން ކަމުގައިވާ ރޮކިބުލް ހަސަން (24އ) އާއި، އެމް ޑީ ޖަކިރް ހޮސެއިން (29އ) އެވެ.
ފުލުހުން ބުނީ މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް އެ މީހުން ހުއްޓުވައި، އެ މީހުން އަތުގައި ހުރި ތަކެއްޗާއި ސައިކަލު އަދި އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު 17 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
އަދި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ ދެމީހުން ވެސް މިހާރު ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހުން ދުއްވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.



