އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ (އައިކޮމް) ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުން، ފަސް އަހަރު ދުވަހުގެ މުއްދަށް ޢައްޔަންކުރާ މި މަޤާމުގެ މުސާރައަކީ -/20,500 ރުފިޔާއެވެ. މީގެ އިތުރުން ލިވިންގ އެލަވަންސްގެ ގޮތުގައި -/15,000 ރުފިޔާ އަދި ފޯން އެލަވަންސްގެ ގޮތުގައި -/1,000 ރުފިޔާ ލިބޭނެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ އިންފޮމޭޝަން މެނޭޖްމަންޓް، ދޭތާ ޕްރޮޓެކްޝަން، ހިއުމަން ރައިޓްސް، އެޑްމިނިސްޓްރޭޝަން ނުވަތަ ޤާނޫނީ ދާއިރާ ފަދަ ގުޅުންހުރި ދާއިރާއަކުން ބެޗްލަރަސް ޑިގްރީއެއް ހާސިލްކޮށް، މެނޭޖްމަންޓް ދާއިރާގައި އަށް އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ. މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވާ ނަމަ، ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުންނަންވާނެއެވެ.
މީގެ އިތުރުން، ކުރިމަތިލާ ފަރާތަކީ ދިވެހި ރައްޔިތަކަށް ވުމާއެކު، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެގެން ނުވާނެއެވެ. އަދި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށްވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
މި މަޤާމަށް އެދި ހުށަހަޅާ ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 05 އޯގަސްޓް 2026 ވާ ބުދަ ދުވަހުގެ 13:30 އެވެ. ލިޔެކިޔުންތައް ހުށަހަޅަންޖެހޭނީ އީމެއިލް މެދުވެރިކޮށެވެ.



