ދިވެހި ސަރުކާރުގެ އެދުމަށް އޮސްޓްރޭލިއާ ސަރުކާރުން ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި އަސްކަރީ މަނަވަރު "ޢިމާދުއްދީން"، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ އެމްޕީއެލް ހުޅުމާލެ ޕޯޓްގައެވެ.
މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ ދިފާޢީ ވަޒީރު ޙަސަން ރަޝީދުގެ އިތުރުން ސިފައިންގެ އިސްވެރިންނެވެ. ރަސްމިއްޔާތުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ މަނަވަރުގެ ނަން ކަޝްފުކޮށްދެއްވައި، ރާއްޖޭގެ ފަރާތުން އޮސްޓްރޭލިޔާއަށް އަރުވާ ޝުކުރުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ. އަދި މަނަވަރު ކޮމިޝަންކުރެއްވިކަމުގެ ލިޔުމާއި ޤައުމީ ދިދަ، މަނަވަރުގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނެންޓް ކާނަލް ސިނާން ޒާހިރުއާ ހަވާލުކުރެއްވުމާއެކު، މަނަވަރުގެ ކުރޫއިން ވަނީ ކޮމިޝަންކުރުމުގެ ޑްރިލް ފުރިހަމަކޮށް، ރަސްމީކޮށް ޚިދުމަތް ފަށާފައެވެ.
ރަސްމިއްޔާތަށްފަހު ރައީސް މުޢިއްޒާއި އޮސްޓްރޭލިއާގެ އިސް މަންދޫބުން ވަނީ "ޢިމާދުއްދީން" މަނަވަރަށް އަރާވަޑައިގެން އުޅަނދު ބައްލަވާލައްވައި، ހަނދާނީ ފޮޓޯފުޅެއް ނަންގަވާފައެވެ.
ނޭވީ މަނަވަރު "ޢިމާދުއްދީން"އަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓުމަށާއި، ކޯސްޓްގާޑުގެ ގާބިލުކަން ދެގުނައަށް އިތުރުކުރުމަށް ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ހޯއްދެވި އުޅަނދެކެވެ. އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި މި މަނަވަރަކީ، އޮސްޓްރޭލިއާގެ ޕަރތުގެ ހެންޑަސަން ޝިޕްޔާޑުގައި، އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު އުޅަނދެކެވެ.



