މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ވަނީ ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 15:00 އާ ހަމައަށެވެ. މީގެ އިތުރުން މިއަދު އިރުއޮއްސި 18:00 އާ ހަމައަށް މެޓުން ނެރުނު މޫސުމީ އެޑްވައިޒަރީގައިވެސް ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ބުނެފައިވެއެވެ.
މިއަދުގެ މޫސުން ކުރިއަށް ދާނެ ގޮތަށް ބަލާއިރު، ރާއްޖޭގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި އެހެން ސަރަހައްދުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.



