މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އޮފިޝަން އިވެންޓްސްއާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ގުޅިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ ސައްބީސް ކާނިވަލް އަށް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. މިމަހުގެ 24 އިން 31 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކުރިއަށްދާ މި ކާނިވަލަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އިންތިޒާމުކޮށްފައިވާ ހަރަކާތެކެވެ.
އެކި އުމުރުފުރާގެ މީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ކާނިވަލުގައި ހޮރޯ ހައުސް، ތަފާތު ކާނިވަލް ގޭމްތައް، ޑިޖިޓަލް ގޭމިން އެރީނާ އަދި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތައް ހިމެނެއެވެ. މީގެ އިތުރުން ލައިވް މިއުޒިކާއި ބޮޑުބެރުގެ ހުށަހެޅުންތަކުގެ އިތުރުން، އެކި ބާވަތްތަކުގެ ކާބޯތަކެއްޗާއި ވިޔަފާރިތަކުގެ ސްޓޯލްތައްވެސް މި ކާނިވަލުން ފެނިގެންދާނެއެވެ.



