ކާބޯތަކެތި އިންސްޕެކްޓުކުރާ ފަރާތްތަކުގެ ތެރެއިން ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ އިންސްޕެކްޓަރުން 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭ ގޮތަށް އެކުލަވާލި އާ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން އާންމުކުރި "ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ގަވާއިދު" ގައި ވަނީ އިންސްޕެކްޓަރުންގެ ޒިންމާތަކާއި އަމަލުކުރަންޖެހޭ އުސޫލުތައް ތަފްސީލުކޮށްދީފައެވެ.
މި ގަވާއިދުގެ ދަށުން ރާއްޖެއަށް އެތެރެކުރާ އަދި ބޭރުކުރާ ކާބޯތަކެތީގެ އިތުރުން، ރާއްޖޭގައި ކާބޯތަކެތި އުފައްދައި ވިއްކާ ތަންތަނަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ މިންގަނޑުތަކަށް ފެތޭ ތަންތަންކަން ކަށަވަރުކުރުމާއި، އާންމުންގެ ފަރާތުން ހުށަހަޅާ ޝަކުވާތައް ބަލައި ފިޔަވަޅުއެޅުން އިންސްޕެކްޓަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗަކީ މަނާ އެއްޗެއް ކަމަށް ގަބޫލުކުރެވިއްޖެ ނަމަ، އެ ތަކެތި ތަހުލީލުކޮށް ނިމެންދެން ހިފެހެއްޓުމާއި، ނައްތައިލުމުގެ އިތުރުން އަނބުރާ ފޮނުވައިލުމުގެ ބާރު ވެސް އިންސްޕެކްޓަރުންނަށް ލިބިގެންވެއެވެ.
އިންސްޕެކްޓަރުންގެ ޝަރުތުތަކުގެ ތެރޭގައި ދަށްވެގެން ޖީސީއީ އޯލެވެލް ހާސިލުކޮށްފައިވުމާއެކު، ބޭސިކް ފުޑް ސޭފްޓީ ތަމްރީނު ފުރިހަމަކޮށްފައިވުމާއި، ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކޮށް މުއާމަލާތުކުރަން އެނގުން ހިމެނެއެވެ. ނަމަވެސް، އެމްއެފްޑީއޭގައި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް އިންސްޕެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފަރާތްތައް މި ޝަރުތުތަކުން އިސްތިސްނާވާނެއެވެ.
މީގެ އިތުރުން، ކާބޯތަކެތީގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރުމާއި، އެފަދަ ތަނެއްގެ ހިއްސާދާރަކަށްވުން ނުވަތަ އާއިލީ ގުޅުމެއްގެ ސަބަބުން މަސްލަހަތު ފުށުއަރާނަމަ، އެކަން އެމްއެފްޑީއޭއަށް ލިޔުމުން އެންގުމަށްފަހު އެ ތަނެއް އިންސްޕެކްޓްކުރުމުން ތަނާޒުލުވާންޖެހޭނެއެވެ. އަދި ދޮގު މައުލޫމާތު ދިނުމާއި، މާލީ މަންފާއެއް ހޯދުމާއި، އިންސްޕެކްޓްނުކޮށް ގަވާއިދަށް ނުފެތޭ ތަންތަނަށް ލައިސަންސް ދިނުމުގެ އިތުރުން ހެއްކަށް ގެއްލުންދިނުން ފަދަ ކަންކަމަކީ މަނާކަންކަމެވެ.
މިފަދަ ކުށެއް ކުރާ އިންސްޕެކްޓަރެއްގެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި މޮނިޓާކޮށް ޓެސްޓުކުރުމުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވެސް ފާހަގަކުރައްވާފައެވެ.



