ހުއްދަނެތި ރާއްޖެއަށް ބޭސް އެތެރެކޮށްފިނަމަ 10,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، ލައިސަންސް ހިފެހެއްޓޭ ގޮތަށް ބޭހާ ބެހޭ އާ ގަވާއިދެއް އެކުލަވާލައިފިއެވެ۔
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން އެކުލަވާލި މި ގަވާއިދުގެ ދަށުން ބޭސް އެތެރެކުރުމާއި، ގުދަންކުރުމުގެ އިތުރުން ވިއްކުމުގެ ސަރީހަ މިންގަނޑުތަކެއް ވަނީ ކަނޑައަޅާފައެވެ۔ އެގޮތުން، އެތެރެކޮށް ވިއްކުމަށް ހުއްދަދޭ ބޭހުގެ ރަޖިސްޓްރީއެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލައި، މަދުވެގެން އަހަރަކު އެއްފަހަރު އެ ރަޖިސްޓްރީ މުރާޖައާ ކުރަންޖެހޭނެއެވެ۔ މި ރަޖިސްޓްރީގައި ނުހިމެނޭ އެއްވެސް ބޭހެއް ރާއްޖެ އެތެރެކުރުމަކީ މަނާކަމެކެވެ۔ މީގެ އިތުރުން، ކޮންޓްރޯލްޑް ޑްރަގްސް އެތެރެކޮށް ވިއްކޭނީ އެމްއެފްޑީއޭގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ۔
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު ބޭސް އުފައްދާ، އެތެރެކުރާ، ސަޕްލައިކުރާ، ގުދަންކުރާ އަދި ފާމަސީ ހިންގާ އެންމެހައި ފަރާތްތަކުން އެމްއެފްޑީއޭގައި ރަޖިސްޓްރީވާންޖެހޭނެއެވެ۔ އަދި ގުދަންތަކުގައި ބޭސް ބޭނުންކުރާ ގޮތުގެ ތަފްސީލު ކޮންމެ 6 މަހަކުން ހުށަހަޅަންޖެހޭއިރު، ދޮގު މައުލޫމާތު ދީގެން ބޭސް ރަޖިސްޓްރީކުރާ ކުންފުނިތައް ބްލެކްލިސްޓު ކުރެވޭނެއެވެ۔
އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރާ ފަރާތްތަކަށް ވެސް ވަކި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ۔ އެގޮތުން، ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށް އެންމެ ގިނަވެގެން އެތެރެކުރެވޭނީ 3 މަސްދުވަހުގެ ބޭހެވެ۔ ނަމަވެސް އެކަށީގެންވާ މެޑިކަލް ރިކޯޑާއެކު 6 މަސްދުވަހުގެ ބޭސް އެތެރެކުރުމުގެ ފުރުސަތު ލިބޭނެއެވެ۔ މި ގަވާއިދަށް އަމަލުކުރަން ފަށާނީ ގެޒެޓުކުރާ ތާރީހުން ފެށިގެން 90 ދުވަސް ހަމަވުމުންނެވެ۔



