ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލުއްރަޙްމާން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު މި ބައްދަލުކުރެއްވުމަށްފަހު، އެމަނިކުފާނުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަވީރުގެ ސާޔެއް ބާއްވަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިޙްތިފާލުތަކުގައި ދިވެހި ސަރުކާރުގެ ޚާއްޞަ މެހުމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންދެއްވީތީ ޑޮކްޓަރ ޚަލީލުއްރަޙްމާނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގެ ތެރެއިން ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި، ތަޢުލީމީ ފުރުޞަތުތައް އިތުރުކުރުމާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމަށް ފައިދާކުރާނެ އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިއްބެވިކަން ހާމަކުރައްވަމުންނެވެ.



