ބަލިބައްޔަށް ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑަށް ވަކި ކަހަލަ ބަދަލެއް ގެނެސްދޭނެ ކަމަށް ބުނެ، ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ކާބޯތަކެތީގެ އުފެއްދުންތައް މާކެޓުކުރުމަކީ މަނާކަމެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ބަރުދަން ލުއިކުރުމަށާއި އެކި ބަލިބަލީގެ ފަރުވާއެއްގެ ގޮތުގައި ގިނަ އުފެއްދުންތަކެއް މާކެޓުކޮށް، އެތަކެތި ބޭނުންކުރުމަށް ހިތްވަރުދީ އެކި މަންސަތަކުގައި މައުލޫމާތު ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ސައިންޓިފިކް އެއްވެސް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް، މިފަދަ ސާބިތުނުހިފޭ މައުލޫމާތު ފެތުރުމަކީ އާންމުންނަށް މައުލޫމާތު އޮޅި، ސިއްޙީ ނުރައްކަލަކަށް ހުށަހެޅިގެންދާނެ ކަމެއް ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.
ވަކިން ޚާއްޞަކޮށް، ދާއިމީ ބަލިތަކަށް ބޭސްފަރުވާ ކުރާ މީހުންނާއި، މާބަނޑު މީހުންގެ އިތުރުން ގާތުން ކިރުދޭ މައިން މިފަދަ ތަކެތި ބޭނުންކުރުމުން ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ބޮޑުކަން އެމްއެފްޑީއޭގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދާ ހަވާލާދީ އެ އޮތޯރިޓީން ބުނީ، ކާބޯތަކެތީގެ އުފެއްދުމެއް ކުރިއެރުވުމަށް އެކި މަންސަތަކުގައި މައުލޫމާތު އާންމުކުރުމަކީ އިޝްތިހާރުކުރުން ކަމުގައި ބެލެވޭނެ ކަމަށެވެ. އެހެންކަމުން، ސިއްޙަތަށް ވަކި ފައިދާއެއް ކުރާނެ ކަމަށް ނުވަތަ ބަލިބަލީގެ ފަރުވާއެއް ކަމަށް ދޭހަވާ ގޮތަށް ކާބޯތަކެތި އިޝްތިހާރުކުރުމަކީ އެ ގަވާއިދުގެ ދަށުން މަނާކަމެކެވެ. މީގެ އިތުރުން، އުފެއްދުމެއްގެ ހަގީގީ ސިފަ އޮޅޭގޮތަށް ދޮގު މައުލޫމާތު ފެތުރުމަކީ ވެސް މަނާކަމެކެވެ.
އެމްއެފްޑީއޭއިން ވަނީ ކާބޯތަކެތި އިޝްތިހާރުކުރުމުގައި ގަވާއިދަށް ބޯލަނބައި، ސާބިތުނުހިފޭ މައުލޫމާތު ނުފެތުރުމަށް އަންގާފައެވެ. އަދި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި މިފަދަ އުފެއްދުންތަކަށް ބަރޯސާވުމުގެ ބަދަލުގައި، މިންހެޔޮކޮށް ކެއުމާއި، ކެއުމުގައި ލޮނާއި ހަކުރު މަދުކުރުމުގެ އިތުރުން، އާދަވެގެން ކަސްރަތު ކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.



