ޅ. ނައިފަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 45 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 24 އިންސައްތަ މަސައްކަތް ވެސް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 45 ހެކްޓަރު ބިން ހިއްކުމާއި، 1813 މީޓަރު ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށިލުމުގެ އިތުރުން 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖެހުން ހިމެނެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަގަކީ 679,031,580.60 ރުފިޔާއެވެ.



