"5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" ގެ ދަށުން، ރ. ފައިނުގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ހަރަކާތަކީ އެ ވުޒާރާއާއި، ފައިނު ކައުންސިލް އިދާރާގެ އިތުރުން ކަމާގުޅޭ އެހެނިހެން މުއައްސަސާތައް ގުޅިގެން ހިންގި ހަރަކާތެކެވެ. ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ރަށްރަށުގެ ފެހިކަން އިތުރުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މި މަޝްރޫޢުގެ ދަށުން ފައިނުގައި ބޭއްވި މި ހަރަކާތުގައި ތިމާވެށްޓާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ހަރަކާތުގެ ދަށުން ފައިނުގެ އެކި ސަރަޙައްދުތަކުގައި ގަސް އިންދާފައިވާއިރު، މީގެ މައިގަނޑު މަޤްޞަދަކީ މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ރަށްރަށް ސަލާމަތްކުރުމާއި، ރާއްޖެއަކީ ފެހިކަން ގަދަ ތަނެއްގެ ގޮތުގައި ދެމެހެއްޓުމެވެ. މި ހަރަކާތުގައި ވަޒީރުގެ އިތުރުން ރަށު ކައުންސިލާއި، ރަށުގެ އެކި މުއައްސަސާތަކާއި އާންމު ރައްޔިތުންވެސް ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ.
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ހަރަކާތްތައް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ރާވާފައެވެ.



