ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގުޅިގެން، ރ އަތޮޅާއި ބ އަތޮޅުގެ 25 ރަށެއްގައި ގާއިމުކުރި 6.4 މެގަވޮޓްގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މިކަމަށްޓަކައި ރ.އަތޮޅު ކިނޮޅަހުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މިކަން ރަސްމީކޮށް ފައްޓަވައިދެއްވީ، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވަޒީރު ޢަލީ ޝަރީފެވެ.
މިއީ "ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް" (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްދިޔަ މުހިންމު މަސައްކަތެކެވެ. ޕޮއިސްޑް މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ 160 ރަށެއްގައި ގާއިމުކޮށްފައިވާ ޑީސަލުން ކަރަންޓު އުފައްދާ ނިޒާމުތައް ސޯލާ ޕީވީ ހައިބްރިޑް ނިޒާމުތަކަކަށް ބަދަލުކުރުމެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް 72 ރަށެއްގެ މަސައްކަތް ނިމި، އެ ރަށްރަށުގައި އަންނަނީ ހައިބްރިޑް ނިޒާމުތައް ބޭނުންކުރަމުންނެވެ. މި ރަށްތަކުގައި ޖުމްލަ 13.4 މެގަވޮޓް ޕީކްގެ ސޯލާ ޕީވީ އާއި، 10.6 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ގާއިމުކުރުމާއި އަދި މިސިސްޓަމްތަކަށް ބޭނުންވާ އެނަރޖީ މެނޭޖްމަންޓް ސިސްޓަމް (އީއެމްއެސް) ހަރުކުރުމާއި އަދި އެކަމަށް ބޭނުންވާ ގްރިޑް އަޕްގްރޭޑްކުރުންވެސް މީގެތެރޭގައި ހިމެނެއެވެ. މީގެ އިތުރުން 27 މެގަވޮޓްގެ ޑީސަލް ޖަނަރޭޓަރު ވެސް ވަނީ ފޯރުކޮށްދީފައެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި މިއަދު މި އިފްތިތާޙުކުރެވުނު 25 ރަށުގެ ނިޒާމުތަކުގައި ޖުމްލަ 6.36 މެގަވޮޓް ޕީކްގެ ސޯލާ ޕީވީ އާއި 10 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ހިމެނެއެވެ. މި ނިޒާމުތަކުން އަހަރަކު 10.4 ގިގަވޮޓް އަވަރގެ ސާފު ހަކަތަ އުފައްދާނެ ކަމަށާއި، މީގެ ސަބަބުން އަހަރަކު 3 މިލިއަނަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑްގެ މިންވަރު 8,400 މެޓްރިކް ޓަނުން މަދުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ނިޒާމް އިފްތިތާޙު ކުރި ރަށްތައް
- ރ. އަލިފުށި
- ރ. ވާދޫ
- ރ. ރަސްގެތީމު
- ރ. އަނގޮޅިތީމު
- ރ. މާކުރަތު
- ރ. ރަސްމާދޫ
- ރ. އިންނަމާދޫ
- ރ. މަޑުއްވަރީ
- ރ. އިނގުރައިދޫ
- ރ. ފައިނު
- ރ. މީދޫ
- ރ. ކިނޮޅަސް
- ރ. ހުޅުދުއްފާރު
- ބ. ކުޑަރިކިލު
- ބ. ކަމަދޫ
- ބ. ކެންދޫ
- ބ. ކިހާދޫ
- ބ. ދޮންފަނު
- ބ. ދަރަވަންދޫ
- ބ. މާޅޮސް
- ބ. އޭދަފުށި
- ބ. ތުޅާދޫ
- ބ. ހިތާދޫ
- ބ. ފުޅަދޫ
- ބ. ފެހެންދޫ
މިއަދު މި އިފްތިތާޙުކުރެވުނު ރަށްތަކާއެކު، ޖުމްލަ 97 ރަށެއްގައި ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން މަސައްކަތް ނިމި، ޖުމްލަ 19.8 މެގަވޮޓްގެ ސޯލާ ޕީވީ ކެޕޭސިޓީއާއި 20.6 މެގަވޮޓް އަވަރގެ ބެޓަރީ ސްޓޯރޭޖް ޤާއިމުކޮށްނިމި ބޭނުންކުރަމުންދާނެއެވެ. މީގެ އިތުރުން 23 ރަށެއްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މަސައްކަތްތައް 2027 ވަނަ އަހަރު ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.



