ސިހުރު ހެދުމާއި ސިހުރު ހެދުމަށް ބޭނުންކުރާ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި މާލެއިން އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ފޭދޫ، މޫސާ ނައީމް، 63އ ވެ.
މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައެވެ. ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، އޭނާ އެ ކުށް ކުރި ކަމަށް ކޮންމެވެސް މިންވަރަކަށް ތުހުމަތުކުރެވޭ ހެކިތައް ފުލުހުން ވަނީ ހުށަހަޅާފައެވެ.
އޭގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި، ހާދިސާ ރިޕޯޓުގެ އިތުރުން މައްސަލައާ ގުޅުންހުރި ފޮޓޯ ރިޕޯޓުތައް ހިމެނެއެވެ.
ކޯޓުން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ، އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.
ސިހުރު ހެދުމަކީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކުގައިވެސް ކަނޑައެޅިގެން މަނާކޮށްފައިވާ ބޮޑު ކުށެކެވެ.



