ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަޤާމަށް މުޙައްމަދު އަޙްމަދު، ޢައްޔަންކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން، ސީއެމްޑީއޭގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ސީއީއޯ އައްޔަންކުރައްވަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
އިނގިރޭސިވިލާތުގެ ޑަރަމް ޔުނިވަރސިޓީ ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުން ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ މުޙައްމަދު އަޙުމަދު، ސީއެމްޑީއޭގެ ސީއީއޯ ކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައެވެ.
އޭނާ އަކީ ފައިނޭންސް، ބޭންކިން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ކޯޕަރޭޓް ގަވަރނަންސްގެ ދާއިރާއިން 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
މުޙައްމަދު އަޙުމަދު ސީއެމްޑީއޭގެ ސީއީއޯގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ އެ މަޤާމުގައި އެންމެ ފަހުން ހުންނެވި މުޙައްމަދު ޙުސައިން މަނިކު މިދިޔަ އެޕްރީލް މަހުގެ 30 ވަނަ ދުވަހު މަޤާމުން ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ.



