ރައްޔިތުންނާ ގާތުން އާސަންދައިގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ އެކި އަތޮޅުތަކުގައި އާސަންދައިގެ އައު 8 ކައުންޓަރެއް ހުޅުވައިފިއެވެ.
އާސަންދަ ކުންފުނިން ބުނީ މި ހުޅުވުނު ކައުންޓަރުތަކާއިއެކު، އަތޮޅުތެރޭގެ 8 ރަށެއްގައި އާސަންދަ ކުންފުނީގެ މުވައްޒަފުން މެދުވެރިކޮށް ހިދުމަތްތައް ރަށުން ލިބިގެންދާނެއެވެ.
މިގޮތުން އަލަށް ކައުންޓަރުތައް ހުޅުވާފައިވަނީ ރ. އުނގޫފާރާއި، ބ. އޭދަފުށްޓާއި، ޅ. ނައިފަރާއި، އދ. މަހިބަދޫ އާއި، ދ. ކުޑަހުވަދޫ އާއި، ލ. ގަމުގެ އިތުރުން ގދ. ތިނަދޫ އަދި ޏ. ފުވައްމުލަކު ސިޓީގައެވެ.
މީގެ ކުރިން އާސަންދައިގެ ކައުންޓަރުތައް ޤާއިމުކުރެވި ޚިދުމަތް ދެމުންދަނީ މާލެ، ހުޅުމާލެ، ފ. ނިލަންދޫ، އައްޑޫ ސިޓީ އަދި ހދ. ކުޅުދުއްފުށި ސިޓީގައެވެ.
އާސަންދައިން ބުނީ މި އިތުރުކުރެވުނު ކައުންޓަރުތަކުގެ ސަބަބުން، ބޭސްފަރުވާގެ އެހީއަށް އެދުމުގައާއި، ކުންފުންޏާ ގުޅުންހުރި އެހެނިހެން އިދާރީ ކަންކަމުގައި ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. ޚާއްޞަކޮށް، ރަށުން ބޭރަށް ނުގޮސް އާސަންދައިގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތާއި އެހީތެރިކަން ހޯދުމަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.



