މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ މަޤާމަށް މީހަކު ހޯދުމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން އަލުން އިޢުލާނުކޮށްފިއެވެ.
ސީއެސްސީން ބުނީ މި މަޤާމަށް މީހަކު ހޯދުމަށް މީގެ ކުރިން 27 އެޕްރީލް 2026 ގައި ކުރި އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލާފައިވާ ކަމަށެވެ.
ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ އައި.އެފް.އޭ.ސީ އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއްގެ (އޭސީސީއޭ، ސީމާ، ސީޕީއޭ ނުވަތަ ސިޕްފާ ފަދަ) ކޮލިފައިޑް އެކައުންޓަންޓަކަށް ވާންޖެހެއެވެ. މީގެ އިތުރުން ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާގައި 6 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު، އޭގެ ތެރެއިން 2 އަހަރު ހިންގުމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ.
މި މަޤާމަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައިގެ ގޮތުގައި 20،035ރ. އާއި ޖޮބް އެލަވަންސްގެ ގޮތުގައި 11،475ރ. އަދި ހާޒިރީ އިނާޔަތުގެ ގޮތުގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 310ރ. ލިބޭނެއެވެ.
މި މަޤާމަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ހިންގުމުގެ އިސް މަޤާމަކަށްވާތީ، އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ނުލިބޭނެ ކަމަށް ކޮމިޝަނުން މަޢުލޫމާތުދެއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.



